ޝައުގުވެރިކަމަކީ އިންސާނާ، ކަމެއް ޙާޞިލުކުރުމަށްޓަކައި ކުރާން ޖެހޭ ކަންކަން ކުރުމަށް ނަފުސުގައި އުފެދޭ އެދުންވެރިކަމެކެވެ. ލަނޑުދަނޑިއަކާ ހަމައަށް ވާޞިލުވުމަށްޓަކައި ކުރާން ޖެހޭ ކަންކަން ކުރުމަށް ހިތުގައި މާ ބޮޑު ޝައުޤުވެރިކަމެއް ނުވާނަމަ ގިނަފަހަރަށް ފެންނާނީ އެކަމެއް ހުއްޓޭތަނެވެ. ތަޢުލީމަކީ މުޖުތަމައެއްގެ ކުރިއެރުމާއި، އެތަނެއްގެ ތަހުޒީބާއި، އަފުރާދުންގެ ސުލޫކާއި ތަރައްޤީ އެއަށް ބަރޯސާވެފައިވާ ވަރަށް މުހިންމު ބަހާއެކެވެ. އެގޮތުން ނިޒާމީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާކަމަށްވާ މަދަރުސީ ތަޢުލީމު އުނގެނުމަށް ދަރިވަރުންގެ ކިބައިގައި ޝައުގުވެރިކަން އުފެދިފައި ނުވާނަމަ، ރަނގަޅަށް އުނގެނުމަށްޓަކައި ކުރާން ޖެހޭ ކަންކަން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން މި ނިޒާމުގެ ތެރެއިން އެކުދީން ނުކުމެގެންދާނީ ޢިލްމީގޮތުން އުނި ކުދީންތަކެއް ގޮތުގައެވެ. އެއީ ޤައުމާއި ދައުލަތުގެ މުސްތަގުބަލަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނޭކަމެކެވެ. އެހެންކަމުން ދަރިވަރުން އުނގެނުމަށް ޝައުޤުވެރިކުރުވާނޭ ޒަމާނީ ގޮތްތައް ނަޒަރިއްޔާތަކާއި ދިރާސާތަކުގެ އަލީގައި މަދަރުސީ ތަޢުލީމު އުނގަންނައިދިނުމަށް މަސައްކަތްކުރައްވާ މުދައްރިސުން އުނގެނީ އެކަންކަން ކުލާހުގައި ތަންފީޒުކުރުމަކީ ނުހަނު މުހިންމުކަމެކެވެ. އެގޮތުން ދަރިވަރުން އުނގެނުމަށް ޝައުގުވެރި ކުރުވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން، މި ދާއިރާގެ އެކިއެކި ދިރާސާތަކުގެ އަލީގައި ޚުލާސާ ގޮތެއްގައި މި ލިޔުމުގައި ހިމަނާލަމެވެ.

  1. އުނގެނުމުގައި އަމިއްލަ-މިނިވަން ގޮތްތައް ބޭނުން ކުރުވައިގެން ޝައުޤުވެރިކުރުވުން.

އެދުވަހެއްގައި ކިޔަވައިދޭ މައުޟޫޢަކާ ގުޅޭގޮތުން ދަރިވަރުންގެ ޚިޔާލު އެހުމާއި އެކުދީން ދެކޭގޮތްތަކަށް ރިޢާޔަތްކޮށްގެން ފިލާވަޅު ނަގައިދިނުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ފިލާވަޅު ނަގައިދޭ އިރު، ފިލާވަޅާ ސީދާ ނުގުޅުނަސް ދަރިވަރުގެ އާންމު ދިރިއުޅުމާ ގުޅުވާލައިގެން ދަރިވަރުންނާ ސުވާލުކުރަމުން އެކުދީންގެ ޚިޔާލު އަހަމުން ކުރިއަށް ދެވިދާނެއެވެ. ކިޔަވައިދިނުމުގައި މި އުސްލޫބު ގެންގުޅުމުން، ދަރިވަރުންނަށް ފިލާވަޅުގައި ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ލިބުމާއެކު ފިލާވަޅަކީ މުދައްރިސުގެ ވަށައިގެން އެނބުރޭ އެއްޗަކަށްވުރެ ބޮޑަށް، ދަރިވަރުގެ ބައިވެރިވުމާއެކު ކުރިއަށްދާ ކަމެއްކަމުގެ އިހުސާސް ވެސް ކުރެވޭނެއެވެ. އަދި އެ ފިލާވަޅާ ގުޅޭ ކަންކަމުގައި އިސްނަގަން ބޭނުންވުމުގެ އިޙުސާސު އިތުރުވާނެއެވެ. ހަމަ އެހެންމެ މި މައުޟޫގައި ހެދިފައިވާ ދިރާސާއެއްކަމަށްވާ "އިންޓްރިންސިކް އެންޑް އެކްސްޓްރިންސިކް މޯޓިވޭޝަން ފްރޮމް އަ ސެލްފް ޑިޓަރމިނޭޝަން ތިއަރީ ޕާސްޕެކްޓިވް" އަށް ބަލާއިރު، ދަރިވަރުންނަށް މަސައްކަތްތައް ޙަވާލު ކުރުމާއި ފިލާވަޅު އުނގަންނައިދިނުމުގައި ވެސް، އެ ދަރިވަރުންނަށް އިޚްތިޔާރުތައް ދީ، ދަރިވަރުންގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން، އަމިއްލަ ނިންމުންތައް ނިންމައިގެން ކުރިއަށް ދާން މަގުފަހިކޮށްދެވޭނަމަ، ދަރިވަރުން އެމާއްދާއެއް ކިޔެވުމަށްވާ ޠަބީޢީ (އިންޓްރިންސިކް) ޝައުގުވެރިކަން އިތުރުވެއެވެ.

Ad
rt
  1. ކިޔަވައިދިނުމުގައި ކުޅިވަރާއި ޓެކްނޮލޮޖީ ބޭނުން ކުރުން.

ތަޢުލީމީ ކުޅިވަރުތަކާއި ޓެކްނޮލޮޖީގެ އެކިއެކި ވަސީލަތްތައް އުނގަންނައިދިނުމުގައި ބޭނުންކުރުމަކީ ވެސް ދަރިވަރުން އުނގެނުމަށް ޝައުގުވެރި ކުރުވާ ކަމެކެވެ. އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ އާއި ކުޅިވަރު ހިމަނައިގެން ކިޔަވައިދިނުމަކީ ކިހާ ކާމިޔާބު ކަމެއްތޯ ބެލުމުގެ މަޤުސަދުގައި ހެދުނު ދިރާސާއެއް ކަމަށްވާ "ދަ އިފެކްޓް އޮފް އެޑިއުކޭޝަނަލް ގޭމްސް އޮން ލާނިން އައުޓްކަމްސް، ސްޓޫޑެންޓް މޯޓިވޭޝަން، އެންގޭޖްމަންޓް އެންޑް ސަޓިސްފެކްޝަން" އިން އެނގުނު ގޮތުގައި، މިފަދައިން އުނގަންނައިދޭނަމަ ދަރިވަރުންގެ އަޚުލާގަށް އެދެވޭ ބަދަލުތައް އައިސް، އުފެއްދުންތެރިކޮށް ވިސްނުމާއެކު މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގަނެއެވެ. ނަތީޖާއެއްގެ ގޮތުން، ދަރިވަރުންގެ އަމިއްލަ އިސްނެގުން ރަނގަޅު ވުމުގެ އިތުރުން، ތަފާތު ކަންކަމުގެ އަޖުމަ ބެލުމުގެ އެދުން ދަރިވަރުންގެ ކިބައިގައި އުފެދި، އެކުދިންގެ ޚިޔާލާއި މަޝްވަރާވެސް ދެމުން ޝައުގުވެރިކަމާއެކު އުނގެނެން މަސައްކަތްކުރެއެވެ.

  1. ބިނާކުރަނިވި ފާޑުކިޔުން ދިނުން.

ދަރިވަރުން ކުރާ މަސައްކަތްތަކަށް ބިނާކުރަނިވި ފާޑުކިޔުން ދިނުމަކީ ދަރިވަރުންގެ ކިބައިގައި އެ މާއްދާއެއް ކިޔެވުމަށް ޠަބީޢީ ޝައުގުވެރިކަން އިތުރުކުރުވާ ސަބަބެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. އެގޮތުން ބަލާއިރު، އެޑްވާޑް ޑޭސީ އާއި ރިޗަރޑް ރަޔަން ގުޅިގެން އިންސާނާގެ ކިބައިގައި ވާ ޝައުގުވެރިކަމާ ގުޅޭގޮތުން ނެރުނު ނަޒަރިއްޔާއެއްކަމަށްވާ "ސެލްފް ޑިޓަމިނޭޝަން ތިއަރީ" ގައި ވާ ގޮތުން، ދަރިވަރުންގެ ހުރި ހުނަރެއް ބޭނުންކޮށްގެން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ކުރެވޭ މަސައްކަތްތަކަށް ދުވަހުން ދުވަހަށް އަންނަ ކުރިއެރުންތަކާއި މިނޫންވެސް ކަންކަން ފާހަގަކޮށް، މުދައްރިސެއްގެ ޙައިސިއްޔަތުން ބިނާކުރަނިވި ފާޑުކިއުން ދިނުމަކީ ދަރިވަރުންގެ ކިބައިގައި އަމިއްލަ މިނިވަންކަން އަށަގަނެ، އުނގެނުމުގައި ޝައުގުވެރި އާ ގޮތްތައް ބޭނުންކުރުމަށް ލިބޭ ހިތްވަރެކެވެ.

  1. ދަރިވަރާއި މުދައްރިސާ ދެމެދު އޮންނަ ގުޅުން

މުދައްރިސާއި ދަރިވަރަކީ ވަރަށް ތަފާތު ދެ ކެޓަގަރީ އަކަށް ނިސްބަތްވާ ދެ ފަރާތެވެ. އެހެންކަމުން މި ދެ ފަރާތުގެ ދެމެދުގައި ވާ ގުޅުމަކީ ވަރަށް ޕްރޮފެޝަނަލް ގުޅުމަކަށް ވާން ވާނެއެވެ. މި ދާއިރާގައި ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، "ޓީޗަރ-ސްޓޫޑެންޓް އިންޓަރޕާރސަނަލް ރިލޭޝަންޝިޕްސް ޑޫ ޗޭންޖް އެންޑް އެފެކްޓް އެކެޑެމިކް މޯޓިވޭޝަން" ގައި ވާ ގޮތުން، ފަސޭހައިން ވާހަކަ ދައްކާލެވޭ، ރަޙުމަތްތެރި މިޒާޖެއްގެ މުދައްރިސުން މިފަދަ ރަޙުމަތްތެރިކަމަކާއެކު ކުލާސްރޫމް ތެރޭގައި ކުދިންނާ މުޢާމަލާތު ކޮށް ދަރިވަރުންނާ ގުޅޭ ފަސޭހަ ވެއްޓެއްގައި އުނގެނުމުގެ ފުރުސަތު ފަހި ވެއްޖެ ނަމަ، އެ ދަރިވަރުންގެ ކިބައިގައި، އެ މުދައްރިސެއް ކިޔަވައިދޭ މާއްދާއެއް އުނގެނުމުގެ ޠަބީޢީ ޝައުގުވެރިކަން އިތުރުވުމުގެ އިތުރުން އެ މުދައްރިސެއް އުނގަންނައިދޭ ތަކެތި ދެނެގަތުމުގެ ޠަބީޢީ ޤާބިލުކަންވެސް އިތުރުވެއެވެ.