ޗައިނާގެ އީ-ކޮމާސް ބޮޑު ކުންފުނި އަލީބާބާއިން، މޮނޮޕޮލިސްޓިކް އުސޫލުތަކެއް ގެންގުޅޭ ކަމަށް ބުނެ އެމެރިކާގެ އިންވެސްޓަރުން ހުށަހެޅި މައްސަލައެއް ހައްލުކުރުމަށް 433.5 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެއެވެ.
މި މައްސަލަ ހައްލުކުރުމަށް އެއްބަސްވެފައިވަނީ އިތުރު ޝަރީއަތްތަކަށް ދިއުމުގެ ބަދަލުގައި ކަމަށް އަލީބާބާއިން ބުނެ ބުނެފައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށް ހުށަހެޅި ހުށަހެޅުން މެންހެޓަންގެ ފެޑެރަލް ކޯޓަށް ހުށަހަޅާފައިވާއިރު، މި ހުށަހެޅުން ފާސްކުރުމަށް އަދި ޖަޖް ޖޯޖް ޑެނިއަލްސްގެ ހުއްދަ ބޭނުންވާނެއެވެ. 2020 ވަނަ އަހަރު ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ އަލީބާބާއިން ވިޔަފާރިވެރިންނަށް އެއް ޕްލެޓްފޯމެއް އިޚްތިޔާރުކުރުމަށް މަޖުބޫރުކުރުވާ ކަމަށާއި، ނަމަވެސް އަލީބާބާއިން ބުނަމުން އައީ އެއްވެސް މޮނޮޕޮލީ ނުވަތަ ވާދަވެރިކަމާ ޚިލާފު އުސޫލެއް ނުގެންގުޅޭ ކަމަށެވެ.
އަލީބާބާއަކީ 1999 ވަނަ އަހަރު ޗައިނާގައި އުފެދުނު އީ-ކޮމާސް ދާއިރާގެ ބޮޑު ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ ޖެކް މާ އާއި 17 އެހެން ބައިވެރިންނެވެ. އަލީބާބާ ގްރޫޕްގެ ދަށުން ގިނަ އޮންލައިން ޚިދުމަތްތަކެއް ދެމުންދާއިރު، އޭގެ ތެރޭގައި ޓަވްބާއޯ، ޓީމޯލް އަދި އަލިއެކްސްޕްރެސް ފަދަ މަޝްހޫރު އީ-ކޮމާސް ވެބްސައިޓްތައް ހިމެނެއެވެ. 2014 ވަނަ އަހަރު ނިއުޔޯކް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރި އަލީބާބާއަކީ މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!