ރަޝިޔާ އާއި އީރާނުން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަމުގެ އިންޒާރު އެމެރިކާގެ އިސް އިންޓެލިޖެންސް އޮފިޝަލުން އިންޒާރު ދެއްވައިފިއެވެ.
މި އިންޒާރުގައި ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، ރަޝިޔާ އާއި އީރާނުން އެމެރިކާގެ އޮންލައިން މާހައުލުގައި އަނިޔާވެރި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދީފާނެ ކަމަށެވެ.
ސިއްރު ނުކުރެވި ހާމަކޮށްފައިވާ ނެޝަނަލް އިންޓެލިޖެންސް މެމޯއެއްގައި ބުނެފައިވާ ގޮތުގައި މިކަމުގެ މަަޤްޞަދަކީ އެމެރިކާގެ މުޖުތަމަޢުގައި ބައިބައިވުން އިތުރުކޮށް، އިންތިޚާބުގެ ނަތީޖާއާމެދު ޝައްކު އުފެއްދުމެވެ. އަދި މިކަމުގެ ސަބަބުން ވެރިކަން ބަދަލުވުމުގެ މަރުޙަލާ އުނދަގޫވެދާނެ ކަމަށް ބުނެފައިވެއެވެ.
މި މެމޯގައި ބުނެފައިވާ ގޮތުން ރަޝިޔާ އާއި އީރާނުން އަމިއްލައަށް މުޒާހަރާތައް ރާވައި، ނުވަތަ ރައްޔިތުންނަށް މުޒާހަރާތަކުގައި ބައިވެރިވުމަށް ހިތްވަރުދީފާނެއެވެ. މިކަން ކުރާނީ ގިނަފަހަރަށް ސޯޝަލް މީޑިއާ ފަދަ އޮންލައިން ޗެނަލްތައް މެދުވެރިކޮށެވެ.
މި އިންޒާރު އައިސްފައިވަނީ ޖެނުއަރީ މަހު ރަޝިޔާގެ މިލިޓަރީ އިންޓެލިޖެންސްއިން އެމެރިކާގެ ރައްޔިތަކު ރެކްރޫޓްކޮށް، އެމެރިކާގައި މުޒާހަރާތައް ރޭވުމަށް މަސައްކަތްކުރި މައްސަލައެއްގެ ފަހުންނެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި 2021 ވަނަ އަހަރު ޓްރަމްޕްގެ ސަޕޯޓަރުން ޔޫއެސް ކެޕިޓަލްއަށް ހަމަލާދިނުމުގެ ސަބަބުން މިއަހަރު ސިޔާސީ އަނިޔާވެރިކަމުގެ ނުރައްކާ އިތުރުވެފައިވެއެވެ. އަދި އިންތިޚާބުގެ ނަތީޖާއާމެދު ޝައްކު އުފެއްދުމުން ހަމަނުޖެހުން އުފެދިދާނެކަން އީރާނާއި ރަޝިޔާއަށް އެނގިފައިވާކަމަށް ވިދާޅުވިއެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އީރާނާއި ރަޝިޔާއިން އެމެރިކާގައި އޮތް ބައިބައިވުން އިތުރުކުރުމަށް އޮންލައިން މާހައުލުގައި ދޮގު މަޢުލޫމާތާއި ޕްރޮޕަގަންޑާ ފަތުރަމުންދެއެވެ. އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރުމުގެ އިތުރުން، އިމިގްރޭޝަން، އިޤްތިޞާދު އަދި ފްލޮރިޑާގައި ކުރިމަތިވި ހަރިކޭންތަކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!