ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ.

މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ އަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މިތަން ނިމޭއިރު ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢޫއެކެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.

ހަނިމާދޫ އެއާޕޯޓު ރަންވޭ މިހާރު ތަރައްގީ ކުރަމުންދާ ވަރަށްވުރެ ދިގު ކުރަން މަޝްވަރާކުރާނަން: ރައީސް

މި މަޝްރޫޢު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.