ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑަރޝިޕް ސީރީސް"ގައި ދެއްވި ތަޤުރީރުގައެވެ.

Ad
rt

އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ތަޤުރީރުގައި ރައީސް ވަނީ އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖޭގެ އިސްތިރާޖީ މުހިއްމުކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފައެވެ.

މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަން ވެސް ފާހަގަކުރެއްވިއެވެ.

ޕްރިންސްޓަން ޔުނިވަރސިޓީ އަކީ އެމެރިކާގެ ނިއު ޖާރސީގެ ޕްރިންސްޓަންގައި ހުންނަ އައިވީ ލީގުގެ އަމިއްލަ ދިރާސީ ޔުނިވަރސިޓީއެކެވެ. 1746 ވަނަ އަހަރު އެލިޒަބެތުގައި ކޮލެޖް އޮފް ނިއު ޖާރސީގެ ނަމުގައި އުފެދުނު މި ޔުނިވަރސިޓީއަކީ އެމެރިކާގެ އެންމެ ގަދީމީ މަތީ ތަޢުލީމުދޭ 4 ވަނަ މަރުކަޒެވެ. އަދި އެމެރިކާގެ އިންގިލާބުގެ ކުރިން ޗާޓަރު ދެވުނު 9 ކޮލޯނިއަލް ކޮލެޖުތަކުގެ ތެރެއިން އެއް މަރުކަޒެވެ.