ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން އެ މެޗުން ނެއްލައިދޫ ބަލިވީކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފިއެވެ.
އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ހިރަފުހަށް ޕެނަލްޓީއެއް ދީފައެވެ.
ޕެނަލްޓީ ދިނުމާއިއެކު ނެއްލައިދޫ ކުޅުންތެރިން ރެފްރީ ވަށާލައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނުނެވެ. އެއަށްފަހު މެޗު ކުރިއަށް ގެންދަން އެއްބާރުލުން ނުދީ ދަނޑުން ފޭބުމުން ރެފްރީވަނީ މެޗު ނިންމާލާފައެވެ.
އެ މައްސަލަ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ފަހު ނިންމާފައިވާ ގޮތުގެ ބަޔާން މިއަދު އަތޮޅު ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިއްޔެ ނެއްލައިދޫއާއި ހިރަފުސް ބައްދަލުކުރި މެޗު ފުރިހަމަނުކޮށް ނެއްލައިދޫއިން ދަނޑުން ފައިބާފައިވާތީ، މުބާރާތުގެ ގަވައިދުގެ 16.1 ވަނަ މާއްދާގެ ދަށުން ނެއްލައިދޫއިން މެޗު ދޫކޮށްލިކަމަށް ސާބިތުވާކަމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
މުބާރާތުގެ ހިންގާ ގަވައިދުގެ 14.1 ގެ ދަށުން މެޗު ދޫކޮށްލި ފަރާތް މެޗުން ބަލިވީކަމަށް ކަނޑައަޅައި ހިރަފުސް ޓީމް މެޗުން މޮޅުވިކަމަށް ކަނޑައަޅައި އަދި އެ ޓީމަށް ތިން ޕޮއިންޓާއި ދެގޯލު ދިނުމަށް ވެސް އެ ކޮމެޓީން ވަނީ ނިންމާފައެވެ.
މެޗު ދޫކޮށްލުމާއި ގުޅިގެން ނެއްލައިދޫ 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ މި މަހުގެ 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން ދެއްކުމަށް ވަނީ އަންގާފައެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ނެއްލައިދޫއަށް މުބާރާތުގައި ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މެޗުގައި ދެ ޓީމްގެ ކުޅުންތެރިން ޖަހާފައިވާ ލަނޑުތައް އެ ކުޅުންތެރިންގެ ނަމުގައި ބެލެވޭނެ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށް އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024" ގައި މިއަދު ވެސް މެޗެއް ކުޅޭނެއެވެ. ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި އިންފިނިޓީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!