ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަނަ ގްރޫޕްގައި ރޭ ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނެދަލެންޑްސްގައި ރޭ ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހައި ނެދަލެންޑްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ގްރެވެންބާޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޓިޔާނީ ރެޔިންޑާސް އެވެ.
ޖަރުމަނުން ޑޮމިނޭޓް ކުރި މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޖަހައިދިނީ ޑެނިޒް އުންޑާވްއެވެ. ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން ޖަރުމަނުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ އުންޑާވް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ރޭ ޖަރުމަނުގެ ކެޕްޓަން ބޭންޑް އެޅި ޔޮސުއާ ކިމިކްއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު އަނިޔާއެއްގެ ސަބަބުން ނެދަލެންޑްސް ގެ އިތުބާރު ޑިފެންޑަރ ނަތަން އާކޭ ވަނީ ބަދަލު ކޮށްފައެވެ. ނެދަލެންޑްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ދެވަނަ ހާފު ފެށިތާ ފަސް މިނިޓްތެރޭ ޖަހައިދިނީ ޑަމްފްރީސް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބްރެއިން ރޮބެރީގެ އެހީތެރިކަމާއި އެކުއެވެ.
މި ގްރޫޕްގައި ރޭ ބޮސްނިއާ އާއި ހަންގޭރީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ޖަރުމަނެވެ. ދެވަނާގައި ނެދަލެންޑްސް އޮތްއިރު މި ދެ ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ތިންވަނާގައި ބޮސްނިއާ އޮތްއިރު ހަތަރުވަނާގައި އޮތީ ހަންގޭރީއެވެ. މި ދެ ޓީމަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!