ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުންގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އޭސީސީގެ އެންގުމަށް ތަބާނުވާން ފުލުހުން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށެވެ.
ނަމަވެސް ފުލުހުންގެ އިދާރީ ކަންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފާ ހޯދީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
"ފުލުހުންގެ ހިދުމަތް ތަމްސީލުކުރަން ވަޑައިގަންނަވަނީ ބަންޑާރަ ނައިބު. މިހެން އޮންނަ ކަމެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފައަކަށް އަހަން ޖެހުނީ ކީއްވެގެންތޯ،" ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެކަން އެގޮތަށް ކުރި ސަބަބެއް މިވަގުތު ސާފުނުވާ ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި ކަންކަން ހުއްޓުވުމުގެ ބާރު އޭސީސީގެ ގާނޫނުގައި އެ ކޮމިޝަނަށް ދީފައި ނެތް ކަމަށެވެ.
ޕްރޮމޯޝަންތައް ނުހުއްޓުވައިފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުމެއް ދައުލަތަށް ނުލިބޭނެތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ޕްރޮމޯޝަންތައް ގޯސްކޮށް ދީފައި ހުރިކަން ސާބިތުވެއްޖެ ނަމަ ޕްރޮމޯޝަންތައް އަތުލުމަށް ހުރަހެއް ނެތް ކަމަށެވެ.
އޭސީސީގެ ވަކީލުން ބުނީ ތަހުގީގުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެހެނިހެން ބާރުތައް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާތީ ކަންކަން ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށް ބަލަންޖެހޭ ކަމަށެވެ.
ޕްރޮމޯޝަންތައް މަޑުޖައްސާލައިފި ނަމަ ފުލުހުންނަށް ލިބޭނެ ގެއްލުމަށް ވުރެ ޕްރޮމޯޝަންތައް ދިނުމުން ދައުލަތަށް ލިބޭނެ މާލީ ގެއްލުން މާ ބޮޑު ކަމަށް ބުންޏެވެ. އަދި އެކަން ހުއްޓުވަން އަމުރެއް ނެރެ ނުދީފިނަމަ އޭސީސީގެ ނިންމުންތަކަށް ތަބާނުވުމަކީ އާންމު ކަމަކަށް ވެގެން ދާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!