ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޚާއްޞަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުންނެވެ.
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ.
ރާއްޖޭގައި ދިވެހިބަހުގެ ދުވަސް ވެސް ފާހަގަކުރަމުން އަންނަނީ ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ އެންމެމޮޅު އިލްމުވެރިންގެ ތެރެއިން އަލްއައްލާމާ ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަސް ކަމަށްވާ 14 އެޕްރީލް 1881 އަށް ނިސްބަތްކޮށެވެ.
ސަލާހުއްދީން އަވަހާރަވީ ސިލޯނުގެ ކޮޅުނބުގައި 20 ސެޕްޓެމްބަރު 1948 ގައެވެ. މި މަނިކުފާނަކީ ދިވެހި ގައުމަށް ދީނީ، ޝަރުއީ، ގާނޫނީ، ސިޔާސީ، ތައުލީމީ، އަދަބީ، ސަގާފީ، ތާރީޚީ އެންމެ ގިނަގުނަ ޚިދުމަތް ކުރެއްވި އިލްމުވެރިޔާއެވެ. 20 ވަނަ ގަރުނުގެ ފުރަތަމަ 50 އަހަރު އުފެދުނު ރާއްޖޭގެ އެންމެގިނަ އިލްމުވެރިންގެ އުސްތާޒަކީވެސް އެމަނިކުފާނެވެ.
ސަލާހުއްދީން ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން 30 އަހަރު ކުރެއްވާފައެވެ. އެންމެ ގިނަދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ދުސްތޫރީ އެންމެ ފުރަތަމަ ސަރުކާރުގެ މިނިސްޓަރ އޮފް ލޯ، ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ މަގާމް ވެސް ސަލާހުއްދީން ވަނީ ފުރުއްވާފައެވެ.
ނޯޓު: ސަލާހުއްދީނާއި ގުޅޭ މައުލޫމާތު ނެގީ ދިވެހި ތަޖުރިބާކާރު ނޫސްވެރިޔާ، ތަރީޚީ ދިރާސާ ވެރިޔާ އިމާދު ލަތީފްގެ ލިޔުމަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!