ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ލޭނު އެޅުމުގެ ހުއްދަ ސަރުކާރުން ދޭން ނިންމުމުމާއިއެކު އެކަމުގެ ކަންބޮޑުވުން ގިނަ ޖަމިއްޔާތަކަކުން ފަޅުކުރިއެވެ. މިގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ލޭނު އެޅުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއަށް ވެސް ހުށަހަޅުއްވާފައެވެ.
މިއަދު ރައީސް އޮފީހުން ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ހުށަހަޅުއްވާފައިވާ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަންއާއި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަކަށް ކަމުގައި ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!