ލޯކަލް ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙްގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރަށްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އޮންނަގޮތުން ލޯކަލް ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބާއްވަންޖެހެއެވެ.

Ad
rt

އެހެންވެ ސަރުކާރުގެ ފަރާތުން، ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް މަޖިލީހަށް ހުށަހަޅުއްވައި ފާސްކުރި ބިލުގައި އެ މުއްދަތު ވަނީ 183 ދުވަހަށް އިތުރުކޮށްފައެވެ. މިގޮތުން ލޯކަލް ކައުންސިލްގެ ގޮނޑިއެއް ހުސްވުމުން ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު ދެ ފަހަރުކަމަށް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މި ބިލުން ޤާނޫނަށް ގެނެވުނު ބައެއް މައިގަނޑު އިޞްލާޙުތައް

  • އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވައި، އަދި މި އެންގެވުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަންވާނެ ކަމުގައި ކަނޑައެޅުން،
  • އެހެންނަމަވެސް، އިސްވެދެންނެވުނު މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމެއްނޫން،
  • އަތޮޅު ކައުންސިލުގެ ނައިބުރައީސާއި، ރަށު ކައުންސިލްގެ ނައިބުރައީސާއި، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޤާނޫނުގައި މިހާރުވެސް ބަޔާންކޮށްފައިވާގޮތުގެމަތީން އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުން
  • ކައުންސިލުގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތް ހާލަތެއްގައި، އެފަދައިން މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވައި މެންބަރުން އިންތިޚާބު ކުރުން

މީގެ އިތުރުން އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވާއިރު ދެ ބައި-އިލެކްޝަންގެ ދެ މެދުގައި 183 އަށް ވުރެ ދިގު އަދި 120 އަށް ވުރެ ކުރުމުއްދަތެއް ފާއިތުވެގެން ނުވާނެކަމަށް މި ޤާނޫނުގައި ވަނީ ބުނެފައެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލު، ތަޞްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.