ރަސްމީ ދަތުރުފުޅެއްގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް މިއަދު ރަޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އޯގަސްޓް 12 އިން 14 އާ މިދަތުުރުފުޅު ކުރައްވަން ހަމަޖެހިފައިވާއިރު، މިއީ 2021 ވަނަ އަހަރުން ފެށިގެން ރައީސް އައްބާސް މޮސްކޯއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރަޝިއާއިން މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ގުޅުން ބަދަހިކުރާއިރު، ފަލަސްޠީނު އޮތޯރިޓީގެ އިތުރުން، ރަޝިޔާއިން ވަނީ އިސްރާއީލާއި ޙަމާސްއާވެސް ގުޅުން ބަދަހިކޮށްފައެވެ.
އެމެރިކާއާ ރަޝިއާ ދެމެދު އޮތް ޒަމާންވީ ދެކޮޅުވެރިކަމުގެ ތެރެއިން ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަކަށް ރަޝިއާއިން ނުދެކެއެވެ. އެގޮތުން މިއަހަރުގެ މާރިޗު މަހު، މޮސްކޯގައި ޙަމާސްއާއި އެ ޖަމާއަތުގެ ވާދަވެރި ފަރާތްކަމުގައިވާ ފަތަޙްއާ ދެމެދު އެއްބައިވަންތަކަމުގެ މަޝްވަރާތަކެއް ބޭއްވުނެވެ. މި މަޝްވަރާތަކުގައި ޣައްޒާގައި މައި އޮފީސް ޤާއިމުކޮށްފައިވާ ފަލަސްޠީނު އިސްލާމިކް ޖިހާދުވެސް ބައިވެރިވިއެވެ.
މި ދަތުރުފުޅުގައި ރައީސް އައްބާސް ރަޝިޔާގެ އިސްވެރިންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!