މި އަހަރުގެ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްގެ މި ދަތުރަކީ ފްރާންސްގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. ނައިބު ރައީސް ފްރާންސްގެ ޕެރިހަށް މި ކުރައްވާ ދަތުރުފުޅުގައި ރާއްޖޭއިން އޮލިމްޕިކްސްގައި ވާދަކުރާ ބައިވެރިންނާއި ބައްދަލު ކުރައްވާނެއެވެ.

Ad
rt

މިފަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނީ ހަތަރު ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް އާއި އެތްލެޓިކްސްގެ އިތުރުން ބެޑްްމިންޓަން އާއި ސްވިމިންގައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ޓޭބަލް ޓެނިސްއިން ވާދަކުރާ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްގައި ވާދަކުރާނީ އެންމެ ފުރަތަމަ އޮލިމްޕިކްސްއަށް ކޮލިފައިވި އެތްލީޓުގެ ގޮތުގައެވެ. އެތްލެޓިކްސްގައި ރާއްޖެ ތަމްސީލު ކުރާނީ އިބާދުﷲ އާދަމްއެވެ. އިބާދުﷲ އެ ޖާގަ ހޯދާފައިވަނީ ގައުމީ އެތްލީޓުންގެ މެޗުގައި ކުރިއަށްދިޔަ ޓައިމް ޓްރިއަލް ކާމިޔާބުކޮށްގެންނެވެ.

ބެޑްމިންޓަންއިން މިފަހަރުވެސް ރާއްޖެ ތަމްސީލު ކުރާނީ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގެވެ. ނަބާހާ އަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ އެތްލީޓެވެ. ސްވިމިންގައި ރާއްޖެއިން ދެ އެތްލީޓަކު ވާދަކުރާނެއެވެ. އެއީ މުހައްމަދު އާން ހުސެއިން އާއި އައިޝަތު އުލްޔާ ޝާއިގެވެ. އުލްޔާ ވަނީ އެއް މަސްދުވަސް ތެރޭގައި ދެ ފަހަރު މަތިން ގައުމީ ރެކޯޑު އާކޮށްފައެވެ.