ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ މާލޭގައި ހުރި ވިޔަފާރި ތަންތަން ބަލައި ފާސްކޮށް، ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 2 ފިހާރަ ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން މިރޭ ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މިރޭގެ އޮޕަރޭޝަންގައި މާލޭގައި ހުރި 3 ޓޭކްއަވޭ/ކެފޭ އާއި، 2 ފިހާރަ އާއި، ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި އިތުރު 1 ފިހާރައެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ބިދޭސީ 6 ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

Ad
rt

އިމިގްރޭޝަނުން ބުނެފައިވަނީ މި ފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 120 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކުރެވިފައެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ ހައްޔަރުކުރެވޭ ބިދޭސީންގެ ލިޔެކިޔުންތައް ހަމަކޮށް، ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 2000 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ރާއްޖެއިން ޑީޕޯޓް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.