ޕޮލެންޑު ސަރަޙައްދުތެރެއިން ޔޫކްރެއިނަށް ރަޝިއާއިން ފޮނުވާ މިސައިލްތައް ވައްޓާލުމާމެދު ޕޮލެންޑުން ވިސްނަމުން ދާކަމަށް އެގައުމުން ބުނެފިއެވެ.

ޕޮލެންޑުގެ ފޮރިން މިނިސްޓަރ ރަޑޮސްލަވް ސިކޯސްކީ ވިދާޅުވެފައިވަނީ، ޕޮލެންޑުގެ ސަރަހައްދުތެރެއިން ދަތުރުކުރާ ރޫސީ މިސައިލްތައް އުކްރެއިންގެ އެއަރ ސްޕޭސްގައި އޮއްވާ ވައްޓާލުމާ ގުޅޭ ގޮތުން އުކްރެއިނުން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދު ވިސްނަމުންދާ ކަމަށެވެ.

Ad
rt

މި ހުށަހެޅުން ހިމެނިފައިވަނީ މި ހަފްތާގެ ކުރީކޮޅު އުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވޯސޯއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު ދިފާއީ އެއްބަސްވުމެއްގައެވެ.

"މި ވަގުތު މިއީ އައިޑިއާއެއް. އަހަރެމެންގެ އެއްބަސްވުމުގައި ބުނެފައިވަނީ އަހަރެމެން މި އައިޑިއާ އިތުރަށް ބަލާނެ ކަމަށް،" ސިކޯސްކީ ވޮޝިންގްޓަންގައި ހުންނަ އެމެރިކަން އެންޓަޕްރައިޒް އިންސްޓިޓިއުޓަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެންޓް ޕީޓަރސްބާގް ސަރަހައްދުން އުކްރެއިންގެ ހުޅަނގު ފަރާތުގައި ހުންނަ ލްވީވް ސިޓީއާ ކައިރި ސަރަހައްދުތަކަށް އަމާޒުކޮށް ދޫކޮށްލާ ބައެއް ރޫސީ މިސައިލްތައް ބެލަރޫސް މަތިން ދަތުރުކޮށް، ޕޮލެންޑުގެ އެއަރ ސްޕޭސްގައި 40 ސިކުންތު ވަންދެން ދަތުރުކުރުމަށްފަހު އުކްރެއިންގެ އަމާޒުތަކާ ދިމާއަށް އެނބުރެއެވެ.

އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕޮލެންޑަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް އުނދަގޫވާނެ ކަމަށް ސިކޯސްކީ ވިދާޅުވިއެވެ. ނަމަވެސް މި ހުށަހެޅުމުގެ ދަށުން، ޕޮލެންޑާ ދިމާއަށް އުކްރެއިންގެ ހުޅަނގު ސަރަހައްދުން ދަތުރުކުރާ ހުރިހާ މިސައިލްތަކެއް ހިމެނޭނެއެވެ.

"އަހަރެމެންނަކީ ކުރިމަތީގައި އޮތް ގައުމެއް. އަދި ރޫސީ މިސައިލްތައް އަހަރެމެންގެ އެއަރ ސްޕޭސް ހުރަސްކުރޭ. އަހަރެމެން ޤަބޫލުކުރަނީ އެއީ އޮޅުމަކުން ކަމަށް،" ސިކޯސްކީ ވިދާޅުވިއެވެ.