ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަޟްހާ އީދުގެ ފުރަތަމަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު 9 ކުޑަކުދިންނާއެކު ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
"އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގެ ނަތީޖާއެއްގެ ގޮތުން 6 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 9 ޝަހީދުން ދީރް އަލް ބަލާހްގައި ހުންނަ އަލްއަޤްޞާ ޝަހީދުސް ހޮސްޕިޓަލަށް ގެނައީ،" މެޑިކަލް އޮފިޝަލަކު އަނަޑޯލޫއަށް ވިދާޅުވި އެވެ.
ބޮމުގެ ހަމަލާގެ ސަބަބުން ގެ ހަލާކުވެ އަވަށްޓެރި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރުދުށް މީހުން ވަނީ ބުނެފަ އެވެ.
އަދި އިޒްރޭލުގެ ހަމަލާއާ ގުޅިގެން މަރުވި އިތުރު މީހުންނާއި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތް މެޑިކަލް އަދި ސިވިލް ޑިފެންސް ޓީމުތަކުން ކުރަމުން އަންނަ ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
ފަލަސްތީނުގެ 37،300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމުގެ އިތުރުން އިސްރާއީލުން ޣައްޒާއަށް އަށް މަސް ވަންދެން ދިން އަސްކަރީ ހަމަލާތަކާއި ބްލޮކްކުރުމުގެ ސަބަބުން އެ ސަރަހައްދު އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ބައިނަލްއަގުވާމީ އެހީދޭ އެޖެންސީތަކުން ވަނީ އެތައް ހާސް ބަޔަކު ބަނޑުހައިހޫނުކަމުގެ އައްސޭރިއަށް ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ވެސް އިސްރާއީލުގެ މައްޗަށް ޖަރީމާހިންގުމުގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުގެ ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ރަފާހުގައި ތެލް އަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!