އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖްގެ ދެވަނަ ރިވިއުއަށް ފެހި ސިގްނަލް ދީފިއެވެ. މި އެޕްރޫވަލްގެ ސަބަބުން އިގްތިސާދީ ގޮތުން ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ އެ ގައުމަށް ގާތްގަނޑަކަށް 336 މިލިއަން ޑޮލަރު އައިއެމްފް އިން އެގައުމަށް ދޫކުރާނެއެވެ. މިހާތަނަށް އައިއެމްއެފުން ޖުމްލަ އެއް ބިލިއަން ޑޮލަރުގެ އެހީ ސްރީލަންކާއަށް ވަނީ ލިބިފައެވެ.
ސްރީލަންކާގެ އިގްތިސާދު ރަނގަޅުވާނެ ކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް އައިއެމްއެފުން ޤަބޫލުކުރިނަމަވެސް، އިޤްތިޞާދު އަދިވެސް އޮތީ ނާޒުކުވެފައި ކަމަށާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމުގެ މަގު އަދިވެސް ނާޒުކުކަމަށް އައިއެމްއެފުން ވަނީ އިންޒާރުދީފައެވެ. އަދި ސްރީލަންކާގެ ދަރަނީގެ ބޮޑު ބުރަ ރީސްޓްރަކްޗަރ ކުރުމަށް މަސައްކަތްކުރުމަށާއި ޖަޕާން، އިންޑިއާ އަދި ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް ފަދަ މުހިންމު ލޯނުދޭ ފަރާތްތަކާއެކު އެއްބަސްވުންތައް ހަލުވިކަމާއެކު ފައިނަލް ކުރުމަށް ވެސް އެ ބޭންކުން ވަނީ އެދިފައެވެ.
ސްރީލަންކާގެ ސްޓޭޓް ފިނޭންސް މިނިސްޓަރު ޝެހާން ސެމަސިންހަ ވިދާޅުވީ ބޮންޑް ހޯލްޑަރުންނާ އެކު އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައުމަށް އެގައުމުގެ ފޯކަސް އެބައޮތް ކަމަށާއި އެގޮތުން މިހާރު އޮތީ ޗައިނާ ޑިވެލޮޕްމަންޓް ބޭންކާ އެކު އެއްބަސްވުމެއްގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ބައިލެޓަރަލް ކްރެޑިޓަރުންނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
2022 ވަނަ އަހަރު ފެށުނު ސްރީލަންކާގެ އިޤްތިޞާދީ ކާރިސާއަކީ، ޑޮލަރުގެ ދަތިކަން ބޮޑުވެ، އިންފްލޭޝަން (ޕީކްގައި 70 އިންސައްތައަށް އެރުން) މައްޗަށް ދިއުމާއި، ފައިސާ ބަލިކަށިވުމާއި، އިޤްތިޞާދު 7.3 އިންސައްތަ ދަށަށް ދިއުމެވެ. 2023 ވަނަ އަހަރުގެ މާޗް މަހު ލިބުނު އައިއެމްއެފްގެ ބެއިލްއައުޓްގެ ސަބަބުން އިގްތިސާދީ ހާލަތު ހަމައަކަށް އެޅުމަށް މަގުފަހިވެފައިވާއިރު، ފާއިތުވި މަސްތަކުގައި ރުޕީސްގެ އަގު 7 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މެއި މަހު އިންފްލޭޝަން ވަނީ 0.9 އިންސައްތައަށް ދަށަށް ގޮސްފައެވެ. ނަމަވެސް ޑިމާންޑް އަދިވެސް ބަލިކަށިވެ، މިހާރު ކުރިއަށްދާ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތަކުގެ ސަބަބުން ބާޒާރުތައް ދަނީ ހީނަރުވަމުންނެވެ.
އައިއެމްއެފުން ބުނީ އިގްތިސާދީ ރިކަވަރީ އަށް ފަހުވެސް، ހާއްސަކޮށް ދަރަނި ރީސްޓްރަކްޗާ ކުރުމާއި، ރެވެނިއު މޮބިލައިޒޭޝަން، ފޮރިން ރިޒާވް ޖަމާކުރުމާއި، ރިކަވަރީއަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކުގެ ގާބިލުކަމާ ގުޅޭ ގޮތުން ބޮޑެތި ނުރައްކާތައް އަދިވެސް އެބަހުރި ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ފިސްކަލް ސަސްޓެއިނަބިލިޓީ އަލުން އިއާދަކުރުމަށްޓަކައި އާމްދަނީގެ އިތުރު ފިޔަވަޅުތަކާއި، ޓެކްސް އެޑްމިނިސްޓްރޭޝަން އިސްލާހުކުރުމާއި، ޓެކުހުގެ ލުއިތައް ލިމިޓްކުރަން ޖެހޭ ކަމަށެވެ.
އައިއެމްއެފުން ވަނީ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ނުހިފެހެއްޓިއްޖެ ނަމަ "އިސްލާހީ ހަރަކާތެއް" ދަށްވުމުގެ ސަބަބުން އެތެރޭގެ ނުރައްކާތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އޮކްޓޯބަރު މަހުގެ މެދުތެރޭގައި ސްރީލަންކާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އިދިކޮޅު ޕާޓީތަކުން ވަނީ ވެރިކަމަށް ވަޑައިގެންފިނަމަ ޓެކްސް ނެގުމާއި އައިއެމްއެފް ޕްރޮގްރާމްގެ ޓާގެޓްތަކާ ގުޅޭ ގޮތުން ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތައް މުރާޖައާ ކުރެވިދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!