އިންޑިއާ އާއި ދިވެހިރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަށް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad
rt

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅު ރައީސް ސިފަކުރެއްވީ ކާމިޔާބު ދަތުރުފުޅެެއްގެ ގޮތުގައެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިދާޅުވިގޮތުގައި، ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެއެވެ. އަދި ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

’’ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެޤައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގަތީ މިއަދު އެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރެއްވު މިދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.