ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކާލާތު ކުރައްވައިފިއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މި މެއި 27 އިން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި މަހާސިންތާގައި ރައީސް މުޢިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެންނަވައި ވާހަކަފުޅުދައްކަވާފައެވެ.
މިގޮތުން މި މަހާސިންތާގައި ރައީސް ވާހަކަފުޅުދައްކަވަމުން މޫސަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކުރައްވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ މާލީ އެހީތެރިކަމަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ތަރައްޤީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވިގޮތުގައި ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަޢުދުވެފައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ މާލީ އިނާޔަތާއި ވަޞީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމް.ޑީ.ބީ) ތަކާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައި.އެފް.އައި) ތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ގޮވައިލައްވާފައެވެ.
މި މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަށް 'ސިޑްސް'ގެ މެންބަރު ގައުމުތަކުގެ ލީޑަރުންނާ، މަހާސިންތާގައި އެކި ޖަމިއްޔާ ޖަމާޢަތްތަކާ ޚިދުމަތުގެ ދާއިރާތައް ތަމްސީލުކުރެއްވި ޢިލްމުވެރީންނާ ތަޖްރިބާކާރުންގެ ފަރާތްޕުޅުން ބޮޑު ސަމާލުކަމެއް ލިބިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިއާއިއެކު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކާ ގުޅުންހުރި ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އިދާރާތަކާއެކު އީޖާބީ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!