އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް އިން ނެގި ސްކޮޑުގައި، ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

މިއީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ ކުޅޭ ހަވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ކުރިއަށް އޮތް މުބާރާތުގައި ރޮނާލްޑޯ ކުޅެފިނަމަ އޭނާ ވެގެންދާނީ ހަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.

Ad
rt

ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެފައި ވަނީ 2004 ވަނަ އަހަރުއެވެ. އެއީ ސީނިއާ ޓީމަށް އޭނާ ކުޅުނު ފުރަތަމަ މުބާރާތެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުން ޕޯޗުގަލް ބަލިވީ ގްރީސް އަތުންނެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދފައިވާ ރޮނާލްޑޯގެ ވަނީ ޕޯޗުގަލްގެ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ އަދި 2019/2018 ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ ރޮނާލްޑޯ އަތުގައެވެ. އޭނާ ވަނީ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް 206 މެޗުން 128 ލަނޑު ޖަހައިފައެވެ. މި އަހަރުގެ ޔޯރޯއަކީ ރޮނާލްޑޯ ކުޅޭ ބައިނަލްއަގުވާމީ 11 ވަނަ މުބާރާތެވެ.

ޔޫރޯގެ ގުރޫޕް އެފްގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. މި ގުރޫޕްގައި ދެން އޮތީ ތުރުކީ އަދި ޖޯޖިއާއެވެ.

ޕޯޗުގަލް ސްކޮޑް

ގޯލްކީޕަރުން:

ޑިއޯގޯ ކޮސްޓާ (ޕޯޓޯ)، ހޯސޭ ސާ (ވުލްވްސް)، ރުއީ ޕެޓްރީސިއޯ (ރޯމާ)

ޑިފެންޑަރުން:

އެންޓޯނިއޯ ސިލްވާ (ބެންފީކާ)، ޑަނީލޯ ޕެރެއިރާ (ޕީއެސްޖީ)، ޑިއޯގޯ ޑަލޯ (މެންޗެސްޓާ ޔުނައިޓަޑް)، ގޮންސާލޯ އިނާސިއޯ (ސްޕޯޓިން)، ޖޮއާއޯ ކަންސެލޯ (ބާސެލޯނާ)، ނެލްސަން ސެމޭޑޯ (ވުލްވްސް)، ނޫނޯ މެންޑޭސް (ޕީއެސްޖީ)، ޕެޕޭ (ޕޯޓޯ)، ރުބެން ޑިއާސް (މެންޗެސްޓާ ސިޓީ)

މިޑްފީލްޑަރުން:

ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓަޑް)، ޖޮއާއޯ ނެވޭސް (ބެންފީކާ)، ޖޮއާއޯ ޕަލީނިއާ (ފުލަމް)، އޮޓާވިއޯ މޮންޓެއިރޯ (އަލް ނަސްރު)، ރުބެން ނެވެސް (އަލް ހިލާލް)، ވިޓީނިއާ (ޕީއެސްޖީ)

ފޯވަޑުން:

ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ކްރިސްޓިއާނޯ ރޮނާލްޑޯ (އަލް ނަސްރު)، ޑިއޯގޯ ޔޮޓާ (ލިވަޕޫލް)، ފްރަންޗިސްކޯ ކޮންސެސާއޯ (ޕޯޓޯ)، ގޮންޒާލޯ ރާމޮސް (ޕީއެސްޖީ)، ޖޮއާއޯ ފެލިކްސް (ބާސެލޯނާ)، ޕެޑްރޯ ނެޓޯ (ވުލްވްސް)، ރަފައެލް ލެއާއޯ (އޭސީ މިލާން)