ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ "ހިރިމަރަދޫ ރައްޔިތުން ފަލަސްތީނާއިއެކު" ހަރަކާތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
މި ހަރަކާތަކީ ހިރިމަރަދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުން ފެށިގެން ގޮސް އީދު ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގައި އެ ރަށުގެ ބައެއް ތަންތާ ފަންޑުފޮށި ބެހެއްޓުމުގެ އިތުރުން ބައެއް މަސައްކަތްތައް ކޮށްގެން ވަނީ ފައިސާ ހޯދާފައެވެ.
މި ހަރަކާތުން 62000.00 (ފަސްދޮޅަސް ދެހާސް) ރުފިޔާއާއި 177.00 (ސަތޭކަ ހަތްދިހަހަތެއް) ޑޮލަރު ވަނީ ހޯދާފައެވެ. މި ފައިސާ ވަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ "ޚިދުމަތް" ޖަމިއްޔާއާއި މިހާރު ހަވާލުކޮށްފައެވެ.
މި ހަރަކާތް ނިންމުމުގެ ގޮތުން އީދު ދުވަހު ހަވީރު އެ ރަށު ރައްޔިތުން ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާ ހުއްޓާލުމަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ފަލަސްތީނުގެ ދިދައާއި ތަފާތު ޝިއާރު ބޯޑުތަކާއި ހަރަކާތާއި ގުޅޭ ޓީޝާޓް މި ހިނގާލުމުގައި ވަނީ ބޭނުން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!