ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެސްދޭން ބޭނުންވާ ކަމަށާއި، ރެއާއި ދުވާލު އެމަނިކުފާނުގެ އަމާޒު ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައި ވަނީ ގިނަ މަޝްރޫއުތައް ނިންމޭ ވަރަށް ވުރެ މާ ކުޑަ ބަޖެޓެއް ދީގެން ކަމަށެވެ.

Ad
rt

ނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެން ވެސް ރަށްރަށުގެ ތަރައްގީ އަށް ފަށާފައި ހުރި މަޝްރޫއުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުން ވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ވައުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދެވުމަށް ހުރިހާ މަޝްރޫއަކަށް ފައިސާ ހިމަނައި ދިނުމަށް އެދި ޓްރާންސިޝަނަލް މުއްދަތުގައި ފޮނުއްވާފައި ވާނެ ކަމަށެވެ. އެކަމަކު، މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ފާސް ކުރީ އެ ޕާޓީގެ މެމްބަރުން ބޭނުންވާ ކަންކަން އުނިކޮށްފައި ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑު ވައުދުވެފައި އޮތީ ރަށެއްގައި ބަނދަރެއް ހަދަން. އެ ބަނދަރުގެ މަޝްރޫއު، މަޝްރޫއެއްގެ ގޮތަށް ހިމެނިޔަސް، ފަސް ލައްކަ ރުފިޔާ، އެއް މިލިއަން ރުފިޔާ ޖަހާފައި ފާސްކޮށްފައި އޮތީ. އެގޮތަށް ބަޖެޓު ފާސްކޮށްފައި އޮތީ. ދެން ހިނގަމުންދާ މަޝްރޫއެއް ނިންމަން ބަލާއިރުގައި މިސާލަކަށް މަގެއް ހަދަން ބަލާއިރުގައި ދެބައިކުޅަ އެއްބައި ނިމިފައި ބާކީ މަޝްރޫއު ސާޅީހަކަށް މިލިއަން ބޭނުންވާ ކަމަށްވާ ނަމަ، ހިމަނާފައި އޮވެދާނެ ފަސް މިލިއަން ރުފިޔާ. މިއީ ދުވަހަކު ވެސް ރާއްޖޭގައި ބަޖެޓު ފާސް ކުރި ގޮތެއް ނޫން. އަމުދުން ނިންމަން ހުރި މަޝްރޫއަށް އެއްކޮށް ފައިސާ ހިމަނާނީ.،" ރައީސް ވިދާޅުވިއެވެ.

ރައީސް އަލިފުއްޓަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ރަށުގެ އެއާޕޯޓު މަޝްރޫއު ނިންމުމެވެ. އެކަން ހަގީގަތަކަށް ހަދައި ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ވެސް ވަނީ ދެއްވައިފައެވެ. އަދި އަލިފުއްޓަށް ވެވަޑައިގެންނެވި އެހެން ވައުދުތައް ވެސް ފުއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މުއިއްޒު އަލިފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް:

1- އެއާޕޯޓު މަޝްރޫއު ފުރިހަމަ ކުރުން
2- ބިން ހިއްކިގެންދާއިރު، ސިނާއީ މަސައްކަތްތަކަށް ޖާގަ އިތުރު ކުރުން.
3- ބޭންކްގެ ބްރާންޗެއް ރަށުގައި ގާއިމު ކުރުން.
4- ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހެދުން.
5- ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުން.
6- ކުނި މެނޭޖް ކުރުން.
7- ގެސްޓްހައުސް ވިޔަފާރި އަށް ފަހި ފުރުސަތެއް ހޯދައި ދިނުން.