ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޖިރޯނާއިން ނަގާލައިފިއެވެ.

އާދީއްތަ ދުވަހު ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ވުމާއިއެކު ރޭ އެތުލެޓިކް ބިލްބާއޯ އަތުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް ރޭ ޖިރޯނާ ވަނީ ބިލްބާއީ އަތުން 3-2 ގެ ނަތީޖާއިން ބަލިވެފައެވެ.

Ad
rt

މިހާރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ހަ ޕޮއިންޓް ލީޑަކާއި އެކުއެވެ. ރެއާލަށް 25 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ. ދެވަނާގައި ޖިރޯނާ އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ބާސެލޯނާއ އޮތީ 25 މެޗުން ލިބުނު 54 ޕޮއިންޓާއި އެކުއެވެ. މެޗުން މޮޅުވި ބިލްބާއޯ އޮތީ ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 49 ޕޮއިންޓެވެ.

ރޭ މެޗުގެ ދެވަނަ މިނެޓުގައި ބިލްބާއޯއަށް ލަނޑުޖަހައި ލީޑު ނަގައިދިނީ އަލެކްސް ބްރެންގާއެވެ. ފުރަތަމަ ހާފު ބިލްބާއޯ ލީޑުގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ޖިރޯނާއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އިވާން މާޓިން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވިކްޓޯއެވެ.

މެޗުގައި ބިލްބާއޯއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 56 ވަނަ މިނެޓުގައި ބްރެންގާ ޖެހި ލަނޑުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ބިލްބާއޯގެ އިނާކީ ވިލިއަމް ވަނީ ލަނޑުޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ޖިރޯނާގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދނީ ޑިފެންޑަރ އެރިކް ގާސިއާއެވެ.