އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ތަކުން އެދޭ އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށް އިސްލާޙް ހުށަހަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިމޭރުމުން ވިދާޅުވީ، ރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އ.ތ.މ. ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަކުރެއްވޭ ކަމަށެވެ.

އެހެންކަމުން އ.ތ.މ ކޮމިޓީ ތަކުން އެދެމުންދާ އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށަށް އިޞްލާޙު ހުށަހަޅުއްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރެއްގައެއް ނޫނެނެވެ. އެހެންކަމުން އެސިޓީގައި މި ސަރުކާރުން ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅުގެ ދެ ބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ފުރަތަމަ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށްފަހު ރައީސް އިއްޔެ ވަނީ ފުވައްމުލައް ސިޓީ އަށް ވަޑައިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ފަސްދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.