ގައިގާ ބާރު ހުއްޓައި، ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ''ޝައުބާން މަހާއި ހެޔޮ ޢަމަލު ކުރުން'' އެވެ.
ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ.
شَـعْباَن މަސް އެއްގޮތަށްވުރެ ގިނަގޮތްގޮތުން ޚާއްޞަ
މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَن މަހެވެ. މި މަސް، އެއްގޮތަށްވުރެ ގިނަގޮތްގޮތުން ޚާއްޞަވެގެން ވެއެވެ. އޭގެތެރޭގައި އެމަހަކީ، رَمَضَان މަހަށް މަރްޙަބާ ކިޔަމުން އަންނަ މަހަށްވުން ހިމެނެއެވެ!
شَـعْباَن މަހުގެ ހަނދު ފެނުމާއެކު ކޮންމެމުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި،އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތަކެވެ. ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސްވާތީއެވެ. رَمَضَان މަހަށް ތައްޔާރުވާ މަހެއްކަމުގައި އެމަސް ވާތީއެވެ. އެއީ، ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާވުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ވާތީއެވެ.
އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލު
ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތެވެ. އެހެންކަމުން ހަނދާން ބަހައްޓަންވީ ކަމަކީ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމެވެ. ކީރިތި ރަސޫލާ رسول الله صلى الله عليه وسلم ގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް الله سبحانه وتعالى ގެ ހަޟުރަތުގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލެވެ.
ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަޞޭޙަތެއް
ތިމާގެ ޢުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ނަމަވެސް ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު، ކޮންތާކުހުއްޓައި ކަމެއް އެއްވެސްމީހަކަށް ނޭނގެއެވެ.
"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ أَخُންނާއި أُخْتُންނަށް ނަސޭހަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެކެވެ.
މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައެވެ. ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެއެވެ. އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައެވެ. އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެއެވެ! އެކަމަށް ރައްކާތެރިވުމަށް ހަނދާންކޮށްދެމެވެ!
ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން ސަލާމަތް ކުރައްވާނެ ކަމެއް
ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެކެވެ. މިފަދަ މޫސުމެއްގައި މާތް رسول الله صلى الله عليه وسلم މަގުދައްކަވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެކެވެ.
ޝައުބާން މަހު ސުންނަތް ރޯދަ
رَمَضَان މަހުގެ ރޯދަހިފުމަކީ، ކޮންމެ ދުވަހަކު ކުރާއަޅުކަމަކަށްވެފައި، އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީކޮންމެހެން ބޭނުންކަމެކެވެ. އެހެން ކަމުން شَـعْباَن މަހު ސުންނަތް ރޯދަ ހިފުމަކީ، އެދެވިގެންވާ ކަމެކެވެ.
ކީރިތި رسول الله صلى الله عليه وسلم ގެ މާތް އަޞްޙާބުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން، ހެޔޮޢަމަލު ކުރެއްވުން މިފަދަ ދުވަސްތަކުގައި ގިނަކުރައްވާފައި ވެއެވެ. އެބޭކަލުން ހިންގެވި މަގުން ހިނގައި، ސަވާބައި ދަރުމަ ލިބިގަތުމަށް އަވަސްވާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!