މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ވަނީ މާފުށީގައި ބެހެއްޓުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޑޮލަރު އޭޓީއެމް ބަހައްޓާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ވާހަކަ ދައްކައިގެން މި އަހަރުގެ ތެރޭގައި އޭޓީއެމް ބެހެއްޓުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބީއެމްއެލްއާ ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ، ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮންނަ ރަށެވެ. އެ ރަށުގައި 59 ގެސްޓްހައުސްގައި 1،900 އަށް ވުރެ ގިނަ އެނދު ހުންނަ އިރު، ގެސްޓްހައުސްތަކުން އެންމެ ބޮޑު އަދަދަކަށް ދައުލަތަށް ޓެކްސް ވަންނަ ރަށަކީ ވެސް މާފުއްޓެވެ.
ސަމީރު ކުރި އެއް ސުވާލަކީ ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާނެ ދުވަހަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މާފުށި ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ނުފެށިދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއު ވެސް ވީ އެންމެ އަވަހަކަށް ފެށުން ކަމަށާއި އެމަނިކުފާނުގެ މަގްސަދަކީ ފަހު އަހަރު އަންނަންދެން މަޝްރޫއު ނުފަށައި މަޑު ކުރުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ހެވާއި ލާބައަށް ހިންގަން ޖެހޭ މަޝްރޫއުތައް ވީ އެންމެ އަވަހަށް ފެށުމެވެ.
"މިވަގުތު ތާރީހު ދަންނަވާލަން ދަތިވިޔަސް، ވަރަށް އިސްކަމެއް ދީގެން ވަރަށް އަވަހަށް އެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!