ދައުލަތުން ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭއެފްސީގެ ބައްދަލުވުމަކަށް ރާއްޖެއިން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލާގައި އޭނާގެ ޕާސްޕޯޓް ތަހުގީގު މަރުހަލާއިން ފެށިގެން އޮތީ ހިފަހައްޓައިފަ އެވެ.

Ad
rt

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ގަތަރުގައި އޮތް އޭއެފްސީގެ ބައްދަލުވުމަކަށް ދައުވަތު ލިބިފައިވާތީ ޕާސްޕޯޓް ދޫކުރަން ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެކަމަށް ދައުލަތުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެކަމަށް ދެކޮޅު ހެދީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ކަންކަމާއި ދައުލަތުގެ ވާހަކަތަކަށް ރިއާޔަތްކޮށް، ބައްސާމްގެ ޕާސްޕޯޓް ދޫ ނުކުރަން ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.