ސަރުކާރުގެ ވަޒީރުންނަށް އެއްވެސް ފުރުސަތެއް ނުދީ އެ ބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ނުދިނުން ކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލު ބޭފުޅުން އައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައިވެއެވެ.
"އެގޮތުން ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރަމެވެ." ބަޔާނުގައިވެއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް މިކޯލިޝަނަށް ޤަބޫލު ކުރެވޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އެ ކޯލިޝަނުން ޤަބޫލު ކުރެއެވެ.
"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!