ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާ އަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިންމަވައިފިއެވެ. މިއީ މަޖިލިހުގެ ގޮނޑިއަކަށް އިމްރާން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
އަދާލަތު ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްރާން ހިމެނޭހެން ހަތަރު ބޭފުޅަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިމްރާނަށް ދީފައި ވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާގެ މެމްބަރުކަމަށް ވާދަ ކުރުމަށެވެ.
އިމްރާންއާ އެކުގައި ހަތަރު ބޭފުޅަކަށް ޓިކެޓު ދޭން ނިންމީ، އަދާލަތު ޕާޓީން ބުނި ގޮތުގައި ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލިހުގެ 33 ވަނަ ބައްދަލުވުމުގައި ފާސްކޮށްގެންނެވެ.
- ހުސެއިން ޘަޤީފް - ވައިކަރަދޫ ދާއިރާ
- އިސްމާއިލް ހަމީދު - ފުނަދޫ ދާއިރާ
- އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ
އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލިހުގެ އިންތިހާބެއް ކާމިޔާބު ކުރެވުނީ އެންމެ މެމްބަރަކަށެވެ. މަޖިލީހުގެ 18 ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ ގޮނޑިއަށް އެ ފަހަރު އިންތިހާބުވެވަޑައިގެންނެވީ އަދާލަތު ޕާޓީގެ ޓިކެޓުގައި ނުކުންނެވި އަނާރާ ނައީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!