ކުޅުދުއްފުށި ސިޓީގެ ހައުސިން ޔުނިޓުތަކާ ގުޅިގެން ހައުސިން، ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. ތިން ސުވާލެއް ކުރެއްވުމަށް ޔާސިރު ވަނީ ހުށަހަޅުއްވައިފައެވެ.
މަޖިލީހަށް ފޮނުވި ނޯޓިސްގައި ޔާސިރު ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ހަދަން ފަށާފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.
އަދި ކުރީ ސަރުކާރުން ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުޅުދުއްފުށީގައި އަޅަން ސޮއި ކޮށްފައިވާ 1000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ތާރީހެއްވެސް އޮޅުން ފިލުވުމަށް ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުވީ ގޮތަށް ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ބަޖެޓް ކޮށްފައިވާ 2000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ތާރީހާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށްވެސް ޔާސިރު ވަނީ ހުށަހަޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!