ކ. ފުނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ފާމް ބަދަލު ކުރަން ނިންމާފައިވަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ކައިރީގައި މާގިރި ކިޔާ ދެ ފަޅެއް އޮވެއެވެ. އެއީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރީގައި އޮންނަ މާގިރި ފަޅާއި ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅެވެ. ފިއުލް ފާމް ބަދަލުކުރަނީ ޝެރެޓަން ފުލް މޫން ރިސޯޓް ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ބުނެ، އެ ނިންމުމާ ގުޅިގެން ޑައިވަރުންނާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރިއެވެ. އަދި އެ ނިންމުން ބަދަލު ކުރަން ސަރުކާރަށް ގޮވާ ވެސް ލިއެވެ.

Ad
rt

އެކަމަކު، ފިއުލް ފާމް ބަދަލު ކުރަން ސަރުކާރުން ނިންމާފައި ވަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށެވެ. އަދި ޝެރަޓަން ފުލްމޫން ރިސޯޓު ކައިރީގައި އޮންނަ މާގިރިފަޅަށް އެ ތަން ބަދަލު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ މިދިޔަ ހަފްތާގައި އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވުނު އެއް ކަމަކީ ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. މިއީ އެސްޓީއޯ އިން ހުށަހެޅި ކަރުދާހެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އެގޮތުން ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލު ކުރުމުގެ ކަންކަން އެސްޓީއޯ އިން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ފުނަދޫގައި މިވަގުތު 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެއެވެ.