ހދ.ހަނިމާދޫގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ، އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބުނުކަމަށް ބުނެ ފުވައްމުލަކުގައި އަޅަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އިއްޔެ އެ މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މިނިސްޓްރީން ހަނިމާދޫގައި ހިންގަމުން ގެންދާ އެގްރިކަލްޗަރ ސެންޓަރުގެ ބިމުގެ ސަރަހައްދުން ބޮޑު ބައެއް ކައުންސިލުން ނަގަން ނިންމާފައިވާތީ، އެތަނުގައި ގާއިމް ކުރުމަށް މިނިސްޓްރީން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ އެ ސެންޓަރުގައި ގާއިމް ކުރުމުގެ މަސައްކަތް ނުފެށި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ.

Ad
rt

އެ ލެބޯޓްރީ ގާއިމް ކުރުމަށް، މިނިސްޓްރީން މަސައްކަތް ކުރަމުން ދިޔައީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންޑީޕީ މެދުވެރިވެގެން މި މިނިސްޓްރީން ހިންގަމުން ގެންދާ "ދަ ޕްރޮޖެކްޓް ފޮ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ" މަޝްރޫގެ ދަށުން ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ ލެބޯޓްރީ އެޅުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ބިން ހަމަޖެއްސުމަށް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތީން ހަނިމާދޫ ކައުންސިލާއި ކުރެވުނު މަޝްވަރާއިން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާތީ އެ ލެބޯޓްރީ މިހާރު ފުވައްމުލަކުގައި އަޅަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުލް ސައްތާރު ހަސަން ބުނީ ހަނިމާދޫގައި މަލްޓިޕާޕަސް ލެބޯޓްރީއެއް އެޅުމަށް މިނިސްޓްރީން އެދުނު ކަމަށާއި، މިނިސްޓްރީގެ ވިސްނުމަކަށް ވެފައި އޮތީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ދެކުނުން އެ ސެންޓަރާއި އިންވެގެން އޮތް ބިމުގައި އެކަން ކުރުމަށް ކަމަށެވެ. އެއީ ބޮޑުމިނުގައި ދެލައްކައެއްހާ އަކަފޫޓު ހުރި ވަރަށް ބޮޑު ބިމެކެވެ.

މިނިސްޓްރީން ލެބޯޓްރީއާއި ގުޅޭ އެކަށީގެންވާ މައުލޫމާތު ކައުންސިލަށް ފޯރުކޮށް ނުދޭކަމަށާއި، ނަމަވެސް ދޮޅު އަހަރެއްހާ ދުވަހު އެ ބިމުގައި ކައުންސިލުން އެއްވެސް ކަމެއް ނުކޮށް ބޭއްވީ އެ މަސައްކަތަށް ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އެތަނުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، ކައުންސިލުން އެ ބިން ދަނޑުވެރިންނަށް ދޫކޮށް ދަނޑުވެރިކަން ފެށީ އޭގެ ފަހުން ކަމަށެވެ.

ސައްތާރު އިތުރަށް ބުނީ އެ ލެބޯޓްރީ އެޅުމަށް ދެލައްކަ އަކަފޫޓުގެ ބިމެއް ބޭނުން ނުވާ ކަމަށާއި، ހަނިމާދޫ އެގްރިކަޗަރ ސެންޓަރުގައި މިހާރު އޮތް ބިމުގައި ވެސް އެކަން ކުރެވޭނެ ވަރުގެ ހުސްޖާގަ އެބައޮތް ކަމަށެވެ. އަދި މިނިސްޓްރީން ހަނިމާދޫގައި އެ މަސައްކަތްކުރަން އިތުރު ބިން ބޭނުންވެގެން ރިކުއެސްޓް ވެސް ކޮސްފައި ނުވާކަމަށާއި، ހަނިމާދޫގައި އެ އަޅަން ހަމަޖެހުނު ލެބޯޓްރީ އެހެންތާކަށް ބަދަލުކުރަން ޒިންމާދާރުކަމެއް ނެތް ގޮތުގައި ދައްކާ ބަހަނާ ބަލައި ނުގަންނަ ކަމަށެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި އިންވެގެން ދެކުނުން އެ ސެންޓަރަށް ދެ ލައްކައެއްހާ އަކަފޫޓުގެ ބޮޑު ބިން ދޫކޮށްފައި ވަނީ ރަށް ކުރިއަރުވާ ކޮމެޓީ (ރާކާފްކޮމެޓީ) އޮތް ދުވަސްވަރުއެވެ. އެއީ މީގެ ބާރަވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް ފާއިތުވެދިޔަ ދިގު މުއްދަތުގައި އެ ސެންޓަރުން އެ ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ ބިން ކައުންސިލަށް ނަގައި ދަނޑުވެރިކަން ކުރުމަށް ރަށުގެ ދަނޑުވެރިންނަށް ދޫކޮށްފައި ވަނީ ދާދި ފަހުންނެވެ.