ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަނީ، ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ބިން ދޭ ގޮތަށް ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭން ނިންމާފައިވާ ކަމަށެވެ. ބިން ދޭން ނިންމާފައިވަނީ 99 އަހަރަށް ކުއްޔަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

ފަޒުލް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ އާބަންކޯއިން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.

"ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރު, ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރު ބިން،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން، މިދިޔަ ސަރުކާރުގައި ވެސް އެފަދަ އެއްބަސްވުންތައް މީގެ ކުރިން އާބަންކޯއިން އެކި ކުންފުނިތަކަކާއެކު ވެފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ފޭސް ތިނެއް، ތިލަފުށި އަދި ދިޔަނެރު ފަޅު ހިއްކުމަށް އެގޮތަށް އެއްބަސްވުން ހަދައިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ދިޔަނެރުފަޅުން 22 ހެކްޓަރު، ތިލަފުށިން ނުވަ ހެކްޓަރު އަދި އިތުރު 53 ހެކްޓަރެއް އެގޮތަށް ކުއްޔަށް ދީފައެވެ. މިދިޔަ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ހުޅުމާލެ އެކެއް އަދި ދޭއްގައި މިހާރު ބިން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ ކަންކަމުގައި އެއްވެސް ކަމެއް ގާނޫނާހިލާފަށް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ފަޒުލް ދެއްވައެވެ.