ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ، އެއާޕޯޓަށް ދާ އެންމެހާ ފަރާތްތަކުން މާސްކް އެޅުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައިރު، އެ ޕްރޮޖެކްޓްގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ސައިޓްތައް ހުންނަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދާދި ކައިރީގައެވެ. ހިލައާއި ހިލެވެއްޔާއި ސިމެންތި ބޭނުން ކޮށްގެން ކުރާ ބައެއް މަސައްކަތްތަކުގެ އިތުރުން ތާރު ކެއްކުންފަދަ ބައިވަރު މަސައްކަތްތައް އެ ސައިޓްގައި ކުރިއަށް ގެންދެވެ. ވުމާއިއެކު އެތަނުން އަރާ ދުމާއި ކުނޑިފަދަ މާއްދާތަކުގެ އަސަރު އެ ސަރަހައްދާއި ކައިރި ހިސާބުތަކުގެ ގެތަކަށް އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ސައިޓުން ބޭރުވާ ތަފާތު މާއްދާތަކުގެ އަސަރު އެ ސަރަހައްދުގެ ގެތަކަށް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ވުމާއިއެކު އެ ގެތަކުގެ ފުރާޅުން ފެން ނެގުންފަދަ ކަންކަން ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެއާޕޯޓަށް އެކި ބޭނުންތަކުގައި ގޮސް އުޅޭމީހުން މާސްކް ބޭނުން ކުރުމަށް ވެސް ފިރާގު ވަނީ އިލްތިމާސް ކޮށްފައެވެ.
މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިލްތިމާސްގައި ބުނެފައި ވަނީ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންދާތީ ގިނައަދަދެއްގެ ކެމިކަލް ނުވަތަ ވިހަ މާއްދާތައް ޖޭއެމްސީ މަސައްކަތު ސައިޓުން ބޭރުވަމުންދާ ކަމަށާއި ވުމާއިއެކު އެއާޕޯޓް ވަޒީފާއަށް ދާފަރާތްތަކާއި އެކިކަހަލަ ބޭނުންތަކުގައި އެ ސަރަހައްދަށް ގޮސްއުޅޭ އެންމެހާ ފަރާތްތަކުން މާސްކް އެޅުމަށ އިލްތިމާސްކުރާ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި ވެސް މާސްކް ބޭނުން ކުރުމަށް އެ ކައުންސިލުން ވަނީ ރައްޔިތުންނަށް ހަނދާން ކޮށްދީފައެވެ.
މީގެއިތުރުން ޖޭއެމްސީ މަސައްކަތު ސައުޓަށް ހުއްދަނެތު އެއްވެސް ފަރާތަކުން ވަދެ ނުހެދުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!