އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރިއިރު، އެސްޓަން ވިލާ އަތުން ބަލިވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިއްޖެއެވެ.
ރޭ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގަށް ޕްރެޝާ ބޮޑުވެފައިވާ ދަނޑުވަޅުގައި ޗެލްސީ އަތުން މި ލިބުނު މޮޅަކީ އޭނާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.
މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް ފޮނުވާލިއިރު ޗެލްސީގެ ކީޕަރ ސަންޗޭޒް ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބިފައި ވަނީ އެންތަނީއަށް އެންޒޯ ފެނާންޑޭޒް ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު 19 ވަނަ މިނެޓުގައި ގަނާޗޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މެކްޓޮމިނޭއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުޑްރިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކޯލް ޕަލްމާ ވަނީ ލަނޑުޖަހައި ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު 69 ވަނަ މިނެޓުގައި ގަނާޗޯ ޗެލްސީގެ އޭރިއާ ތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ވެސް މެކްޓޮމިނޭއެވެ.
މި މޮޅާއިއެކު 15 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ. މެޗުން ބަލިވި ޗެލްސީއޮތީ 15 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ދިހަވަނާގައެވެ.
ރޭ އެސްޓަން ވިލާއިން ވަނީ އަމިއްލަ ދަނޑުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މި މެޗު 1-0 ގެ ނަތީޖާއިން ވިލާއިން ކާމިޔާބުކުރިއިރު އެ ޓީމުން މެޗުގައި ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
ސީޒަން ފަށައިގެން ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް މިހާރު އެ ޓީމްގެ ފޯމް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެންމެ ފަހުން އެ ޓީމުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބުނެވެ. މިއީ ފާއިތުވި ހަތް އަހަރުތެރޭ ލީގުގައި ޖެހިޖެހިގެން މޮޅުނުވެވި ހަތަރު މެޗު ދިޔަ ފުރަތަމަ ފަހަރެވެ.
ރޭ މެޗުގައި ވިލާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ޓިއެލެމަންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެއޮން ބެއިލީއެވެ. އޭނާ ފޮނުވާލު ބާރު ހަމަލާ ގޯލަށް ވަދެފައި ވަނީ ސިޓީގެ ޑިފެންޑަރ ޑިއާޒްގެ ފައިގައި ޖެހި މިސްރާބް ބަދަލުވެގެން ގޮހެވެ.
މި ބައްޔާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ސޮއްސާލާފައެވެ. ސިޓީއަށް 15 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. އެއްވަނާގައި އާސެނަލް އޮތީ ސިޓީއަށް ވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މި މޮޅާއިއެކު ވިލާ ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!