ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިހިނގާ ފަސް އަހަރުގެ ދައުރުގެ ވެރިކަމަކީ އުންމީދީ ވެރިކަމަކަށްވާނެ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މިދައުރުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މިހެން ވިދާޅުވީ، މިއަދު ''އެކްސް''ގައި ޚިޔާލުފާޅު ކުރައްވަމުންނެވެ.
އަމީން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަށް އޭނާ ނޫނެކޭ ބުނެ ވޯޓު ދީފައިވާނީ ރައީސް ޑރ. މުޢިއްޒަށް ކަމަށެވެ. އަދި އެކަން އެހެންކުރީ ޑރ. މުޢިއްޒު އަކީ ރައްޔިތުންނަށް އުންމީދީ ވެރިކަމެއްކޮށްދެއްވޭނެ ވެރިއެއްކަމަށް ދެކިގެން ކަމަށް އަމީން ވިދާޅުވިއެވެ.
''އިންޝާﷲ، މިވެރިކަން އުންމީދީ ވެރިކަމަކަށްވާނެ'' އަމީން ވިދާޅުވެފަ ވެއެވެ.
Raees @ibusolih ahh noonekey bune raees @MMuizzu ahh alhugandu vote dhinee rayyithunnahhh ummeedhee verikamehhh kohhdheyne veriyakahhh vaane kamahh balafa IA mi verikamakee ummeedhee verikamakahh vaane https://t.co/6JeIffd565
— Ameen Mohamed (@Ameenkumundhoo) November 25, 2023
ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމު ޖެހިޖެހިގެން 3 ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ އަމީން މިފަދައިން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ އެ ޕާޓީ ދޫކޮށްލައްވައި، ސަރުކާރަށް އޮތް ތާއީދު ގެންދަވާފައެވެ. އަދި އައު ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވަމުން ގެންދަވާއިރު، ޔާމީންގެ ޓީމުން ދަނީ ރައީސް ޑރ. މުޢިއްޒު އާއި ސަރުކާރާ ދެކޮޅަށް ފާޑުކިޔަމުންނެވެ.
އަމީން އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ކުމުންދޫ ރައީސްކަން ކާމިޔާބުކުރައްވާ ބޭފުޅެކެވެ. އަބަދުވެސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އަމީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތާއީދު ކުރެއްވީ ރައީސް ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. ދެވަނަ ބުރުގައި ތާއީދު ކުރެއްވީ ރައީސް ޑރ. މުޢިއްޒަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!