ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރު، އިޤްބާލް އާދަމް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް މިރޭ ޢައްޔަނުކޮށްފިއެވެ.

އިޤްބާލް އެ މަޤާމަށް ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އެރުވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިރޭ ރައީސް އޮފީހުގައެވެ.

Ad
rt

އިޤްބާލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލީ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރުކަމުން އުސްތިއުފާދެއްވައި އެ ޕާޓީން ވަކިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެދުވަހުގެ ރޭ ވެސް ވަނީ ރައީސް އޮފީހަށް ފަސް މިނިސްޓަރަކު ޢައްޔަނު ކުރައްވާފައެވެ.

އެބޭފުުޅުންނަކީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމަށް ޢައްޔަނު ކުރެއްވި، ޢަލީ ޢާރިފް އާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މަޤާމަށް ޢައްޔަނު ކުރެއްވި އިބްރާޙީމް ޚަލީލް އާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒްގެ މަގާމަށް އަޙްމަދު ޙިޝާމް ވަޖީހު އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ކަމަށް މާލެ ސިޓީ ކައުންސިލުން މެންބަރުކަމުގައި ކުރިން ތިއްބެވި ޢަބްދުﷲ ނާޞިރު އަދި އާދަމް ރަމީޒް އެވެ.

މީގެ އިތުރުން ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުގެ ބައެއް މަޤާމުތަކަށް މިރޭ ބޭފުޅުން ޢައްޔަނު ކުރައްވާފައެވެ.