އެދިވަޑައިގަންނަވަނީ އައު ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ކުރިއެރުން ކަމަށް މިއަދު ދައުރުހަމާ މިދައުރުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ދެއްވި ވަދާއި މެސެޖުގައެވެ.

Ad
rt

މި މެސެޖުގައި އެމަނިކުފާނު ވަނީ ވޭތުވި ފަސް އަހަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށްޓަކައި އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ. އަދި މި މުއްދަތުގައި ދިވެހިރައްޔިތުން ބަހެއްޓެވިގާތްކަމާއި، ދެއްވި އެހީތެރިކަމާއި ކުރެއްވި އިޚްތިރާމަށް ހިތުގެ ލޯތްބާއެކު ޝުކުރު އަދާކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ، މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާފައި ވާނީ، އެމަނިކުފާނު ކުރެއްވި ހުވާގައި ސާބިތުވެހުންނަވައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިމާއެކު އަދާކުރެއްވުމަށް ކަމަށެވެ.

މީގެ އިތުރުން އަމާޒަކަށް ހެއްދެވީ، ސަރުކާރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ، އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

''ދިވެހިރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ދިވެހި ޤައުމު އަނެއްކާވެސް އަލިވިލިގެން މިދަނީ ރާއްޖޭގެ ދުސްތޫރީ ތާރީޚުން މުޅިން އައު ދައުރަކަށް، މިއަދު މިފެށޭ ރިޔާސީ އައު ދައުރަކީ ދިވެހި އުންމަތަށް ހުރިހާގޮތަކުން ވެސް ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނޭ ދައުރަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،'' ފައިސަލް ވިދާޅުވެފަވެއެވެ.

''ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މިއަދު ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒަށާއި، އެމަނިކުފާނުގެ ނައިބު ހުސައިން މުޙައްމަދު ލަތީފަށާއި، އެ ބޭފުޅުންގެ ސަރުކާރަށާއި ދިވެހިރައްޔިތުންނަށް ކުރިއެރުން އެދި ދުޢާދަންނަވަން،'' ފައިސަލް އިތުރަށް ވިދާޅުވެފަވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދިވެހިޤައުމާ ދިވެހިން ތާ އަބަދަށް މިނިވަންކަމުގައި ލެއްވުންއެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

ފައިޞަލަކީ ދިވެހި ޑިމޮކްރަސީގެ ތާރީޚްގައި، ފެހި ޤާނޫނުއަސާސީއާއެކު އުފަންވި ވެރިކަންތަކުންކުރެ ފުރަތަމަފަހަރަށް ދައުރު ހަމަކުރެއްވި ނައިބު ރައީސް އެވެ. މި ދައުރުގައި ފައިސަލް ފާހަގަކުރެވުނީ ހީވާގި، މީހުންނާގުޅޭ ހިތްހެޔޮ ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ.