ހއ. އުތީމު ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ޢަމަލުކުރުމަށާއި، ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.

އުތީމު ކައުންސިލުން މިއަދު ވިދާޅުވީ، މިހާރަކަށް އައިސް އެ ރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ގޭގެއަށާއި ވިޔަފާރި ބޭނުމަށް ވެލިނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދައިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

Ad
rt

ރަށުގެ ގޮނޑުދޮށުން ގަލާއި، ވެއްޔާއި އަކިރި ނަގަންވާނީ ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާއި ބެހޭ ޤާނޫނާއި، ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު އަދި ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިފައިވާ ތަންތަނުން ކަމަށް އުތީމު ކައުންސިލުން ވިދާޅުވެފަވެއެވެ.

''ވީމާ، ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ވެލިނެގުމުގައި ޢަމަލުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. އަދި ދަންނަވަމެވެ.'' އުތީމު ކައުންސިލުން ވިދާޅުވެފަވެއެވެ.

އެކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށުން ޤަވާއިދާ ހިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދު، ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.