އިސްރާއީލުގެ ޔަހޫދީން އއ. މަތިވެރިއަށް އެރުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ އިދާރާތަކަށް އެ ރަށު ކައުންސިލުން ގޮވާލައިފިއެވެ.
އެ ކައުންސިލުން މިގޮތަށް ގޮވައިލީ އެރަށު ހުރިހައި ކައުންސިލަރުންގެ އިއްތިފާގުން ނެރުއްވާފައިވާ ގަރާރެއްގައެވެ.
އެ ގަރާރުގައި މުސްލިމުންގެ މުޤައްދަސް ބިމަށް އަރައިގަނެ، މުސްލިމް އަޚުންނާއި އުޚުތުންނަށް އަނިޔާ ދެމުންދާ ޔަހޫދީ އިސްތިޢުމާރީންނަށް މަތިވެރީގެ ވެށިން އަމާންކަންކަމާއި ހިޔާވަހިކަން ދޭކަށް އެއްވެސް ރައްޔިތަކު ނޭދޭ ކަމަށް ވަނީ ބުނެފައެެވެ. އަދި އެއީ އެރަށުގެ ސަލާމަތާއި އަމާންކަމަށް ވެސް އޮތް ނުރައްކަލެއްކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ބައިތުލްމަޤްދިސްގައިވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާ ހިމެނޭ ފަލަސްޠީނަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިޙްސާންތެރިވެ، ބޯހިޔާވަހިކަން ދިނުމުން ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުން ގޯތިގެދޮރުން ނެރެލާފައިވާ ކަމަށާއި ބިންތައް ފޭރި ތުއްތު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް އަމިއްލަ ވަޒަނުގައި ނިކަމެތިކޮށް ދެމުންގެންދާ އަނިޔާތަކަކީ ފަލަސްޠީން އިސްތިޢުމާރުކޮށް، މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންގެންދާ އިންސާނީ ޙުރުމަތާއި ޚިލާފު ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
ހަމަމިއާއެކު ޔަހޫދީ ދައުލަތް އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކު އެ ރަށަށް އެރުމަށް އެ ކައުންސިލުން ނުރުހޭކަން ހާމަކުރައްވައި ވަނީ އެ ރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކުން ވެސް އިސްރާއީލުގެ ޕާސްޕޯޓް އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެނައުމަށް ގޮވައިލާފައެވެ. އަދި އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވައި ދިނުމަށް ދައުލަތުގެ އިދާރާތަކަށް ވެސް ގޮވައިލާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!