ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދަން ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނުގައި މި އަހަރު 149 ދަރިވަރުން ބައިވެރިވެ އިމްތިހާނު ފުރިހަމަކޮށްފިއެވެ.

އެ ކައުންސިލުން ނެރުއްވި ނުސްބަޔާނެއްގައި ވިދާޅުވެފައިވަނީ މި އިމްތިހާނު ފަރުމާކޮށްފައިވާނީ ރާއްޖޭގެ ބާ ކައުންސިލް އަދި އިނގިރޭސި ވިލާތުގެ ސޮލިސިޓާސް އިމްތިހާނު ކުރާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑާ ގުޅިގެން ކަމަށެވެ.

Ad
rt

މާލޭގައި ބޭއްވި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 99.33 ޕަސެންޓު ދަރިވަރުން އިމްތިހާނަށް ހާޟިރުވެފައިވާ ކަމަށާއި މި އިމްތިހާނަކީ ރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގާނޫނީ އިލްމާއި ހުނަރު އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމަށް ބާއްވާ އިމްތިހާނެއް ކަމަށް ވެސް ވިދާޅުވެއެވެ. އަދި ފެންވަރު ވަޒަންކުރުމަށްދޭ ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ "މިނިމަމް ބެންޗްމާކް" ކަނޑައަޅާ އިމްތިހާނު ކަމަށެވެ.

މީގެ އިތުރުން މިއީ އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކުރި 120 މަލްޓިޕްލްޗޮއިސް ސުވާލުގެ އިމްތިހާނެއް ކަމަށާއި ސުވާލުތައް އަމާޒުކޮށްފައިވަނީ މައިގަނޑު 6 ދާއިރާއަަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެއީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމް ކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވީ މިހާރު ބާ އިމްތިހާނުގައި ރާއްޖޭގައި ގާނޫނީ ފަންނުގެ މައިގަނޑު 6 ދާއިރާއަކަށް އަމާޒުކޮށް ސުވާލުތައް ބައްޓަންކުރި ނަމަވެސް އަންނައަހަރުން އިމްތިހާނަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެއީ ގާނޫނީ ދާއިރާގެ ތައުލީމުގެ އެންމެ ކުޑަ މިންގަނޑުކަމަށް 2020 ވަނަ އަހަރު ބާ ކައުންސިލުން ކަނޑައެޅި މިންގަނޑަށް ކިޔެވި ފުރަތަމަ ދަރިވަރުން އެއިރަށްވާއިރަށް ދަސްވެނިވެފައިވާނެތީ ކަމަށް ވިދާޅުވިއެވެ.

ބާ އިމްތިހާން ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ނިިމިދިޔަ 2022 ވަނަ އަހަރުއެވެ. 173 ދަރިވަރުން ބައިވެރިވި އެ އިމްތިހާނުގެ އެވަރެޖް މާކުހަކީ 66 ޕަސެންޓެވެ.

ބާ ކައުންސިލުން ވިދާޅުވީ މިދިޔަ އަހަރުގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 73 ދަރިވަރަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށް، ވަކީލު ކަމުގެ ހުއްދަ ހޯދާފައިވާ ކަމަށެވެ.