އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ވާދަކުރާނެ ކަމުގެ އަޑުގަދަވެއްޖެއެވެ.
އަޝްފާޤް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރާން ނިންމާފައިވާ ކަމުގެ އަޑުތައް ގަދަވެފައި މިވަނީ ސޯޝަލް މީޑިއާގައި "ދަގަނޑޭ ފޯ އެފްއޭއެމް" ނަމުގައި ޕޭޖެއް ހަދައި ކެމްޕެއިން ފެށުމާއި ގުޅިގެންނެވެ.
ނަމަވެސް މިކަން އަދި ދަގަނޑޭގެ ފަރާތުން ޔަގީން ކޮށްދީފައި ނުވެއެވެ. މިވަގުތު އޭނާ ހުރީ އާއިލާއާއިއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިޔާގައެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަނުގެ ރައީސް ހޮވާނީ މެމްބަރު ކުލަބުތަކުގެ ވޯޓުންނެވެ. މި ގޮތުން ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުން ހޮވާލެވޭ ތިން ކުލަބާއި ތިން ވަނަ ޑިވިޝަނުން ހޮވާ ދެ ކުލަބެކެވެ.
އެފްއޭއެމްގެ ހިންގުން ވަނީ މީން ޒަމާނެއްގައި ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. މިގޮތުން އެފްއޭއެމް އިން ފައިސާ ދައްކަން ޖެހޭ އެތައް ތަނަކަށް ފައިސާ ނުދެއްކި އެބައޮތެވެ. އަދި އިދާރީ މުވައްޒަފުންނަށް ހަމައަށް މުސާރަ ނުދެވި ތަން ވަނީ ބަނޑުރޫޓް ވުމާއި ގާތަށް ގޮސްފައެވެ.
އެފްއޭއެމްގެ ހާލަތާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށަށް ދިޔުމާއި ގުޅިގެން މިވަގުތު އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުތައް ސޯޝަލް މީޑިއާގައި ގަދަވެފައިވާތާ ވެސް މިހާރު ވަނީ ދުވަސްތަކެއް ފާއިތުވެފައެވެ.
ކުލަބް ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރ ފަށައި ރާއްޖޭގެ މަތީ ފަންތީގެ ގިނަ ކުލަބްތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ދަގަނޑޭއަކީ ރާއްޖޭގެ ގައުމީ ޓީމްގެ ވެސް އެތައް ރެކޯޑެއް ހިއްސާ ކުރަމުން އަންނަ ކުޅުންތެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!