އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީންގެ ރައްޔިތުންނަށް ދިނުމަށާއި އެ ބިންތަކުގައި ތިބި އިސްރާއީލްގެ ސިފައިން ފޭބުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

މުއިއްޒު އެގޮތަށް ގޮވާލައްވާފައި ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. މި ހަމަލާތަކާ އެކުގައި އިސްރާއީލުން ދަނީ ވައިގެ މަގުން ފަލަސްތީންގެ ޣައްޒާ އަށް ބޮން އަޅަމުންނެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްރާއީލްގެ 100 މީހަކު މަރާލާފައިވާ އިރު، ފަލަސްތީނުގެ 198 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

Ad
rt

މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިސްރާއީލުން ބަލައިގަނެ، ފަލަސްތީނުގެ ބިންތައް އެ ގައުމުގެ ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް މުއިއްޒު ގޮވާލެއްވިއެވެ.

މީގެއިތުރުން އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމާސް އިން ކުއްލި އަކަށް ހަމަލާދޭން ފެށީ މިއަދު ފަތިހެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ހަމަލާ ދިނުމުގެ އިތުރުން އިސްރާއީލުން ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ވެސް ހަމާސްގެ ކޮންޓްރޯލްގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ.

ހަމާސްގެ ކުއްލި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފެށިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.