ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުން ފާހަގަ ކުރުމުގެ ގޮތުން އަތުގެ އިނގިލީގައި ޖަހާ ނިޝާން، ވައަތު ކަށި އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުންގެ ވައަތު މެދު އިނގިލީގައި ފާހަގަ ޖަހާ ގޮތަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް އެ ކޮމިޝަނުން މިރޭ ކޮށްފައިވާ ޓްވީޓްގައި ވަނީ މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމާފައި އޮތް އޮތުން ބަދަލުކޮށް މިހާރު ވައަތު ކަށި އިނގިލީގައި ފާހަގަ ޖަހަން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ކޮމިޝަނުގެ ނިންމުން ބަދަލުކުރި ސަބަބެއް ހާމަކޮށްފައި ނުވެއެވެ. ވައަތު މެދު އިނގިލީގައި ފާހަގަ ޖަހަން ކޮމިޝަނުން ނިންމުމުން ސޯޝްލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެކަމާއި ގުޅޭގޮތުން ތަފާތު ހިޔާލުތައް ފާޅުކޮށްފައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަ ޖަހާފައި ވަނީ ވައަތު ޝަހާދަތް އިނގިލީގައެވެ. އިނތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހިއްޖެނަމަ ފުރަތަމަ ބުރުގައި ފާހަގަ ޖެހި އިނގިލީގެ ބަދަލުގައި އެހެން އިނގިއްޔެއްގައި ފާހަގަ ޖެހުން އެއީ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެވެ. މި ފާހަގަ ޖަހަނީ ގިނަވަގުތު ދެލި ނުފިލާ ހުންނަ ކަހަލަ މާކަރަކުންނެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 05:00 އަށެވެ.