އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ނިންމާފައިވާ ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ ބައެއް ރަށްރަށަށް އެމްޑީޕީގެ ބޭފުޅުން އުމުރުން ދުވަސްވީ ބޭފުޅުން ގާތަށް ވަޑައިގެން ކޮންމެހެން ވޯޓުލާން ނުދިއުމަށް އެދެމުންދާ ކަމަށެވެ. ގޭގައި ތިބީމަ، ކަރުދާސްކޮޅެއް ގެނެސްދޭނެ ކަމަށާއި އެ ކަރުދާހުގައި ފާހަގަ ޖަހާލީމަ ނިމުނީ ކަމަށް އެމްޑީޕީގެ ބޭފުޅުން ގޭގެއަށް ގޮސް އުމުރުން ދުވަސްވީ މީހުން ގާތުގައި ބުނަމުން އަންނަ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އެހެންވެ، މިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބެއްލެވުމަށް އަދުރޭ އެދިވަޑައިގެންނެވިއެވެ.
އަދުރޭ ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފައިސާއަށް ނުހެއްލޭނެ ކަން ރައްޔިތުން ބުނެފައިވާ ކަމަށެވެ. އަދި ފައިސާ އަށް ވުރެ ރައްޔިތުންގެ އަގު އަދި ގައުމު މާ މުހިންމު ކަން އެ ރައްޔިތުން ބުނެފައިވީ ނަމަވެސް ކަޅު ދަބަހުގައި ފައިސާ ހިފައިން އެމްޑީޕީގެ ބޭފުޅުން ވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ފާރަވެރިވުމަށް ވެސް އަދުރޭ އެދިވަޑައިގެންނެވިއެވެ.
"ބާކީ މިއޮތް ދެ ތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ފާރަވެރިވާން ވާނެ އެމްޑީޕީ މީހުން ކޮށްފާނެ ކަންތައްތަކާ ދޭތެރޭގައި. ޓީމު ހަދާފައި ކަޅު ދަބަސް ހިފާފައި އަރާނެ. އެމީހުން ގޭގެއަށް ވަންނަ އިރު ފާރަވެރިވާން ވާނެ. ފަހަތުން ދާން ވާނެ. އެމީހުންނަށް އެކަނި މީހުންނާ ބައްދަލު ކުރުމުގެ ޖާގަ ދީގެން ނުވާނެ. އެ މަންޒަރު ފޮޓޯ ނަގަން ވާނެ. އެމީހުންނަށް ވާހަކަ ދެއްކެން ވާނީ އަޅުގަނޑުމެންނާ އެކީގައި،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނޫނެކޭ ބުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތައް ވައުދެއް ވެފައި، ވައުދުތައް ނުފުއްދާ އިތުރު ފަސް އަހަރު އެކަންކަން ފުރިހަމަ ކުރަން ފުރުސަތު ދޭން ބުނީމަ ކަމަށެވެ.
އަދި ގައުމެއްގެ ދަރަނި ދަންތުރައެއްގައި ޖެހިފައިވާ ބަޔަކަށް ވާން ބޭނުން ނުވާ ކަން އެ ދުވަހު ރައްޔިތުން ބުނެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން ބުނީ ތިމަންނަމެންގެ ކާބަފައިން ލެޔާއި ދާ އޮހޮރުވައިގެން ތިމަންނަމެންނާ ހަމައަށް ވާރުތަކޮށްދިން މި ސުލްހަވެރި އަމާން މިނިވަން، ދިވެހިރާއްޖެ ތިމަންނަމެން އަތުން ބީވެގެންދާ އިރު، ތިމަންނަމެން ބަލަހައްޓައިގެން ނުތިބޭނަމޭ. އެއަކަށް އާއެކޭ ނުބުނާނަމޭ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޒުވާނުން ނުކުތީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި، ހުސެއިން އާދަމްގެ ކިބައިން ހިތްވަރު ލިބިގެންނެވެ.
އަދުރޭ ވިދާޅުވީ ދިވެހިންގެ ރާއްޖެ އަށް ދިވެހިން ގޮވައިގެންދާން ހުރީ އެންމެ ކެންޑިޑޭޓެއް ކަން ރައްޔިތުން އެ ދުވަހު ނިންމާފައިވާ ކަމަށާއި އެ ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ. މުއިއްޒަކީ ފަސް ބައިގައި ކިލަނބުކަމެއް ނެތް ހިދުމަތުގެ ރީތި މާޒީއެއް އޮތް ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މުއިއްޒަކީ އިލްމީ ގާބިލް، އަހުލާގީ ސިފަތައް ހުންނެވި ބޭފުޅެއް ކަމާއި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ފުރުސަތު ހޯދައި ދޭނެ ލީޑަރެއް ކަން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!