ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެ އިން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީކޮށްފައި ވަނީ 3،327 މީހުންނެވެ.
ވޯޓު ފޮށިތައް ބަހައްޓަން ހަމަޖައްސާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާ އަދި އިނގިރޭސި ވިލާތުގައެވެ. އެންމެ ގިނަ އިން ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ މެލޭޝިއާގައެވެ. އެ ގައުމުގައި ތިން ވޯޓު ފޮށި ބަހައްޓަން ނިންމާފައިވެއެވެ. އަދި އިންޑިއާ އާއި ސްރީލަންކާގައި ދެ ވޯޓު ފޮށި ބަހައްޓާ އިރު، ޔޫއޭއީ އަދި އިނގިރޭސި ވިލާތުގައި އެ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ.
މި ފަސް ގައުމުގައި 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ގިނަ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާގައެވެ. އެ ގައުމުން އެކަނި ވެސް 2،628 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ދެވަނަ ބުރުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރީ-ރަޖިސްޓްރޭޝަން އިތުރުވުމުން މި ފަހަރު 12 ފޮއްޓެއް އިތުރަށް ބަހައްޓަން ވެސް ވެސް ވަނީ ނިންމައިފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ އިތުރު އަދަދަށް ނުވާތީ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!