ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބު ކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ 28 ވަނަ މިނެޓުގައި ބަޔާންގެ ލޮރީ ސާނޭ ފޮނުވާލި ހަމަލާއެއް ޔުނައިޓެގް ގޯލަށް ވަނީ ކީޕަރު އޮނާނާއަށް ހެދުނު ބޮޑު ގޯހަކުންނެވެ. އެ މިސްޓޭކަށް ފަހު ޔުނައިޓެޑަށް ގޭމް ކޮންޓްރޯލް ގެއްލުނުއިރު އޭގެ ހަތަރު މިނެޓް ފަހުން ބަޔާނުން ވަނީ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ސާޖް ގްނަބްރީއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޔުނައިޓެގް ޑެންމާކް ފޯވާޑް ރަސްމުސް ހުއިލަންޑް ވަނީ ލަނޑުޖަހައި ޔުނައިޓެޑަށް އުންމީދު ހޯދައިދީފައެވެ. މިއީ އޭނާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ޔުނައިޓެޑުން ފަރަގު ކުޑަކުރި ނަމަވެސް 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ޖަހައިދިން ލަނޑުން ބަޔާނުން ވަނީ ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން ކޭން ބަޔާނަށް ކުޅުނު ފަސް މެޗުގައި ޖެހި ފަސްވަނަ ލަނޑެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކަސެމީރޯ ވަނީ ލަނޑުޖަހައި ޔުނައިޓެޑަށް އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭ ބަޔާނުން ވަނީ ހަތަރުވަނަ ލަނޑު ޖަހައި އަނެއްކާ ވެސް ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޓެލް އެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ޖަހައިދިނީ ވެސް ކަސެމީރޯއެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ގަލަޓަސަރާއީއާއި ކޯޕެނެހޭގެން ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!