މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެ މުއްދަތުގައި 1،254،252 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5,037 ފަތުރުވެރިންނެވެ.

Ad
rt

މީގެ އިތުރުން އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަކުރާ ކަމަށް ތަފާސް ހިސާބުން ދައްކާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 14 އިންސައްތައިގެ އިތުރުވުމެކެވެ.

2022 ވަނަ އަހަރުގެ މި މުއްދަތަށް ރާއްޖެ އައިސްފައިވަނީ 1،100،620 ފަތުރުވެރިންނެވެ. އަދި އެ އަހަރު 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ރަޝިއާއެވެ. އެގައުމުން 147،187 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި އިންޑިއާއިން 137،104 ފަތުރުވެރިން އައިއިރު، ޗައިނާއިން 124،549 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.

ރާއްޖެއާ ދެމެދު 30 އެއާލައިނަކުން ފްލައިޓްތައް އޮޕަރޭޓް ކުރާއިރު ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.9 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިވަގުތަށް ބަލާނަމަ އަމާޒުގެ 65 ޕަސެންޓް މި ވަނީ ހާސިލް ކުރެވިފައެވެ.