ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް ނުގެއްލޭނެ ކަމަށާއި، އޭގެ ބަދަލިގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

ޕީޕީއެމުން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވިޔަސް ރައްޔިތަކަށް ލިބިފައިވާ އެއްޗެއް، އަދި ލިބެން އޮތް އެއްޗެއް ވެސް ނުގެއްލޭނެކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ހަދައިދޭނެކަމަށެވެ. މާލޭގައި ދޮރުން ދޮރަށް ހިނގުމުން ރައްޔިތުންގެ ގިނަ ސުވާލުތަކާއި ކަންބޮޑުވުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިދޭ ޔަގީން ކަމަކީ، ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވާ ރައްޔިތުންގެ ކަންކަމާއިގެން އުޅެން ފުރުސަތު ދެއްވައިފިނަމަ، މިހިރަ މުހިންމު ކަންކަމުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކީގައި ރައްޔިތުންގެ ކަންކަން އަޅުގަނޑުމެން ހަމަޖައްސައިދޭނަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ވާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އެކަން ޔަގީނުންވެސް ކޮށްދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ލިބިފައިވާ އެއްވެސް ބޯހިޔާވަހި ކަމެއް އަތުނުލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ސަރުކާރެއްގައި ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ތެރޭ ވަޒީފާ އެހެން ކުންފުންޏަކަށް ބަދަލު ކުރެވުނު ނަމަވެސް އެ ބޭފުޅަކު ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ad
rt

"މި ސަރުކާރުގައި ފެނިގެން ދިޔައީ ޒުވާނުން މަގުމަތިވެ ބިކަހާލުގައި ޖެހިފައިވާ ތަން، ނަމަވެސް އަޅުގަނޑުގެ ވެރިކަމެއްގައި ޒުވާނުންނަކީ ފަހުރުވެރި އަބުރުވެރި ފުދުންތެރި ބަޔަކަށް ހަދާނަން، އަދި ކަނބަލުންނަކީ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކަށް ވާނެ" މުއިއްޒު ވިދާޅުވިއެވެ.

ރޭ މާވެޔޮމަގުގައި ޕީޕީއެމްއިން ބޭއްވި ކަންމަތީ ޖަލްސާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.