ދިވެހިންނަށް ހާސްކަމެއްނެތް ދިރިއުޅުމެއް ހޯއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ތިނަދޫސިޓީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ވިދާޅުވެ، އަމީން ވިދާޅުވީ ބޮޑު ޕާޓީ ކުޑަޕާޓީގެ ފިކުރުދޫކޮށް ތަރައްޤީއާ ތަހުޒީބު ހޯދާދެވޭ ވަރުގެ ގާބިލް ރައީސަކު ގެންނަންޖެހޭކަމަށެވެ. އެފަދަ ރައީސަކަށް ވާނީ ގާސިމް އިބްރާހިމް ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޒުވާނުންނަށް ހިލޭ 18،000 ފްލެޓް، އުފަންވާ ދަރިންނަށް 5،000، ފެންވަރު ރަގަޅު ތައުލީމު، ވަޒީފާގެ ފުރުޞަތު، ވިޔަފާރިއަށް އިންވެސްޓްކުރެވޭނެ މަގު، ހިލޭ ލޯން، ލުއި ލޯން ލިބި ވިޔަފާރީގައި ކުރިއަށްދެވޭނެ ފަސޭހަ މަގުކޮށާދޭނީ ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކަމަށެވެ.

ރައްޔިތުންނަށް ހާސްކަމެއްނެތް ދިރުއުޅުމެއް ހޯއްދަވައިދެއްވާނީ ގާސިމް ކަމަށާއި އުމުރުންދުވަސްވީ މީހުންގެ އެލަވަންސް 5،000 ން 7000 އަށް ބޮޑުކޮށްދެއްވާނީ ގާސިމް ކަމަށް ވެސް އޭނާ ވަނީ ރޭ ވިދާޅުވެފައެވެ.

އަމީން ވިދާޅުވީ، މިއަދުގެ މުޖުތަމައުގައި ހުރި އިޖުތިމާއީ ބަލިމަޑުކަން ފިލުވާލަދޭނެ މެނިފެސްޓޯއެއް ގެނެސްދެއްވާފައިވަނީ ގާސިމް ކަމަށެވެ. އިސްލާމީ އަޤީދާ ހަރުދަނާ ކުރުމަށް ގާސިމްގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއްދެއްވާފައިވާ ކަމަށާއި ދެކުނުނާއި އުތުރު އަދި ހުޅުމާލޭގައި އިސްލާމިކް ސެންޓަރު ގާއިމްކޮށްދެއްވާ، ވެރިކަމުގެ ފުރަތަމަ އަހަރު 500 ހާފިޒުން އުފައްދަވާއި، ދިވެހި ބަހުން ދީނީ ފޮތްތައް އެކުލަވާލައްވާ، އިސްލާމިކް ލައިބްރަރީތައް ގާއިމްކޮށްދެއްވާނެ ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގާސިމަކީ އެންމެ ގާބިލް ކެންޑިޑޭޓުކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ސަރުކާރު ހިންގުމުގެ ތަޖްރިބާއާ، ވިޔަފާރީގެ ތަޖްރިބާއާ، އިޖުތިމާއީ ގުޅުންތަކުގެ ތަޖްރިބާ، އަދި އެންމެ ދީލަތި ޝަހްޝިއްޔަތެއްގެ ގޮތުގައި ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލިބޭނެ އެންމެ ފުރިހަމަ ކެންޑިޑޭޓަކީ ގާސިމް ކަމަށެވެ.